ޤުރުއާނާ މެދު ސަލަފުއްޞާލިޙުންގެ ބޭކަލުން ޢަމަލުކުރެއްވީ ޢަޖާއިބުން ފުރިގެންވާ ގޮތަކަށެވެ. މިއީ ޢާންމު ޙަލާތުގައި ވެސް އެ ކަން އޮތް ގޮތެވެ. އަދި މި ކަން ވަކީން ޚާއްޞަކޮށް ރަމަޟާން މަހުގައި އިތުރުވެގެންވެ އެވެ.
އާދެ! ރަމަޟާން މަސް އެ ބޭކަލުންނާ ބައްދަލުކޮށްފިއްޔާ ޤުރުއާނަށް އެބޭކަލުން ހުސްވެ ވަޑައިގަންނަވަ އެވެ. އެބޭކަލުންގެ ވަގުތުތައް ޤުރުއާން ތިލާވަތުކުރެއްވުމާއި، ޤުރުއާނާ މެދު ފިކުރު ހިންގަވައި ތަދައްބުރުކުރެއްވުމާއި، ޤުރުއާނުގައިވާ ފިޤްހީ އަޚްކާމުތަކާއި ތަޢުލީމާތުތައް މުޠާލިޢާކުރެއްވުމުގައި ހޭދަކުރައްވަ އެވެ. އަދި އެބޭކަލުން ރަމަޟާން މަހުގައި ކީރިތި ޤުރުއާން ނަމާދުތަކުގައްޔާއި ނަމާދުން ބޭރުގައި ވެސް ކިޔަވައިވިދާޅުވުން އިތުރު ކުރެއްވި އެވެ. ބައެއް ބޭކަލުން ރޭއަޅުކަމުގައި ކޮންމެ ތިން ރެއަކުން ޤުރުއާން ޚަތިމުކުރައްވަ އެވެ. އަނެއްބައި ބޭކަލުން ކޮންމެ ހަތް ރެއަކުންނެވެ. އަނެއްބައި ބޭކަލުން ދިހަ ރެއިންނެވެ.
އިމާމު މާލިކުގެފާނާ ބެހޭ ގޮތުން ވާރިދުވެފައިވެ އެވެ. ރަމަޟާން މަސް އައިސް ޖެހިއްޖެއްޔާ، އެކަލޭގެފާނުންގެ މަޝްހޫރު ބޮޑު ޙަދީޘްގެ މަޖިލިސް ހުއްޓަވައިލައްވައި، މުޞްޙަފުން ޤުރުއާން ތިލާވަލުކުރެއްވުމަށް ވަގުތު ހުސްކުރައްވަ އެވެ. އިމާމު މާލިކުގެފާނުގެ ކޮއްކޯފުޅާ ސުވާލުކުރެވުނެވެ."ގޭގައި އެކަލޭގެފާނު ކުރައްވަނީ ކޮންކަމެއްތޯއެވެ؟" އެ ކަމަނާ ވިދާޅުވިއެވެ. "އެކަލޭގެފާނު ގޭގައި ކުރައްވާ ކަމަކީ މުޞްޙަފުން ޤުރުއާން ތިލާވަލުކުރެއްވުމެވެ."
އެބޭކަލުން ޤުރުއާން ހަމައެކަނި ތިލާވަތުކުރެއްވީކީއެއް ނޫނެވެ. އެބޭކަލުން އެ ޤުރުއާނާ މެދު ފިކުރުހިންގަވައި އެ ޤުރުއާނާ މެދު އެންމެ މަތީ ދަރަޖައަށް ތަދައްބުރު ވެސް ކުރެއްވި އެވެ. އެ ޤުރްއާނުގައިވާ ޢިލްމާއި ފަހުމު ހާޞިލުކުރައްވާން މަަސައްކަތް ކުރެއްވި އެވެ. އެހެންކަމުން، ޢިލްމުގެ ޙަލަޤާތުތަކާއި މަޖިލިސްތައް ވެސް ހުއްޓަވައިލައްވައި އެބޭކަލުން އެނބުރިވަޑައިގަންނަވަނީ ޤުރުއާނާ ދިމާއަށެވެ. ޤުރުއާން ތިލާވަތުކުރެއްވުމާއި، ތަދައްބުރުކުރެއްވުމާއި، އަޙްކާމުތައް މުޠާލިޢާކުރެއްވުމަށެވެ.
ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލެއް އުފެދިދާނެ ކަން ނޭނގެ އެވެ. ޙަދީޘްފުޅެއްގައިވެ އެވެ. ތިން ދުވަހަށް ވުރެ ކުރު މުއްދަތެއްގައި ޤުރުއާން ޚަތިމުކުރުން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ ނަހީކުރައްވައިފައި ނޫންތޯ އެވެ؟ އެހެންވިއްޔާ، ސަލަފުއްޞާލިޙުންގެ ބޭކަލުންގެ ތެރެއިން އެންމެ ދުވަހަކުން ވެސް ޚަތިމުކުރައްވާ ބޭކަލުން ތިއްބެވި އެވެ. އަދި ދުވާލެއްގެ މައްޗަށް ދެތިން ޚަތިމު ކުރެއްވެވި ބޭކަލުން ވެސް ތިއްބެވި އެވެ. އެބޭކަލުންގެ ޢަމަލުފުޅު ޙަދީޘްފުޅާ ޚިލާފުނޫންތޯ އެވެ؟ އާދެ، މި ކަމާ ބެހޭ ގޮތުން އިމާމު އިބްނު ރަޖަބު ވިދާޅުވެފައިވެ އެވެ.
"ތިން ދުވަހަށް ވުރެ ކުރު މުއްދަތެއްގައި ޤުރުއާން ޚަތިމުކުރުން ނަހީކުރެއްވީ އެ ކަން ޖެހިޖެހިގެން އަބަދުމެ ކުރުމާ މެދު އެވެ. މިއާ ޚިލާފަށް، ރަމަޟާން މަސް ފަދަ މަތިވެރި ޚާއްޞަ މޫސުންތަކާއި، އަދި ޚާއްޞަކޮށް ލައިލަތުލް ޤަދްރި ހޯދާން މަސައްކަތްކުރެވޭ މަތިވެރި ރޭތަކާއި، މައްކާ ފަދަ މާތް ތަނަކަށް ދެވުމުން ވަގުތާއި ތަނުގެ މަތިވެރިކަމުގެ ބޭނުން ހިފައި ވީހާ ވެސް ގިނައެއްކޮށް ޤުރުއާން ކިޔެވުމަކީ އެދެވިގެންވާ މުސްތަޙައްބު ރަނގަޅު ކަމެކެވެ."
ޚުދު މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް އެންމެ ރަކްޢަތެއްގައި ވެސް ސޫރަތުލް ބަޤަރާ އާއި ސޫރަތުލް ނިސާ އާއި ސޫރަތު އާލް ޢިމްރާން ކިޔަވައިވިދާޅުވާ ކަމަށް ޞައްޙަ މަގުން ސާބިތުވެފައިވެ އެވެ. އެހެންކަމުން، އަޅުގަނޑުމެން ވެސް މި މަހުގައި ޤުރުއާނާ ކައިރިވުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. އެހެނީ މި ޤުރްއާނަކީ އަޅުގަނޑުމެންނަށް ވާ ރަޙްމަތެކެވެ. އަދި ޝިފާއެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. {وننزل من القرآن ما هو شفاء ورحمة للمؤمنين} (الإسراء:82) މާނައީ: "ތިމަންރަސްކަލާނގެ ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ."