އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުވާ ކުރައްވާފައިވާ މައްސަލަ ބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން، ބޭންކުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެކްސްކްރޯ އެކައުންޓްގައި ހުރި ފައިސާ ހޯދަން ޔާމީން ދައުވާ ކުރެއްވީ އެ ފައިސާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ރައީސް ޔާމީންގެ ފަރާތުން ސިވިލް ކޯޓުގައި އެފަދައިން އެދުމުން އޭސީސީ އާއި ބީއެމްއެލް އިން ވަނީ އެ ފައިސާ ދޭން ދެކޮޅު ހަދާ ކަން ހާމަކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ އޭސީސީއާއެކު ހަދާފައިވާ އެގްރީމަންޓުގައިވާގޮތުން، އެއް އަހަރު ދުވަހުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަމަށް އެ ކޮމިޝަނަށް ކަނޑަނޭޅިއްޖެނަމަ އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރަންޖެހޭ ކަމަށެވެ.
ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ އެކްސްކްރޯ އެކައުންޓްގައި ހުރި ފައިސާ އަކީ ސިޔާސީ މަސައްކަތުން ލިބިފައިވާ ފައިސާ ކަމަށެވެ.
އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް އޭސީސީ އާއި ބީއެމްއެލް އިން ބުންޏަސް، ސިވިލް ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅާފަ އެވެ.
ރައީސް ޔާމީން އެކައުންޓަށް ވަދެފައި ވަނީ ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ކުރިން ކުރި ދައުވާގައިވެ އެވެ. އެ މައްސަލައިގައި ރައީސް ޔާމީނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.