ފޮޓޯއިން ތި ފެންނަނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ ސޯޝަލް ސެންޓަރުގެ ބޭރު ފާރު ކައިރި އެވެ. ޓޭކް އަވޭ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ގިނަ މި މަގަކީ ގިނަ މީހުން ރައްޓެހިންނާއެކު ގޮސް ކޮފީއެއް ބޯލާ ނުވަތަ ކޮންމެ ވެސް ލުއި އެއްޗެއް ކާލަން މަޑުކޮށްލާ ސަރަހައްދެކެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ގިނަވުމުން އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ޑަސްބިން ބަހައްޓާފައި ހުރެ އެވެ. ނަމަވެސް ތަހުޒީބުކަމަށް ބުނާ ބައެއް މީހުންގެ ފަރާތުން ފެނިގެން ދަނީ ލަދުވެތި މަންޒަރެކެވެ. މުޅި އެ ސަރަހައްދުގައި އޮތީ ކޮފީ ހުސްކުރި ތައްޓާއި ފެން ހުސްކުރި ފުޅިއާއި އެހެނިހެން ކުނިބުނިން ފުރިފަ އެވެ. ކަޅު ކޮތަޅުތަކުގައި ވެސް ކުނިފުނި ޖަހާފައި ބަހައްޓާފައި ހުއްޓެވެ. މީގެ އެންމެ ހުތުރީ ޑަސްބިން ހުއްޓާ، ޑަސްބިނަށް ނާޅާ އެތަނުގެ ކައިރިއަށް ތަށިތައް އެއްލާލާފައި ހުރުމެވެ.

މިކަމާ އަހަރެން ހަމަ އަޖައިބު އަންތަރީސްވި އެވެ. ޑަސްބިންގެ މަތި ނެގުމަށް ފަހު އޭގެ ތެރެއަށް ކުނި އެޅުމަކީ ބުރަ ކަމެއް ހެއްޔެވެ؟ ނުވަތަ އެއީ މީހާގެ ގައިން ތަނެއް އުނިވާނެ ކަމެއް ހެއްޔެވެ؟ ސްކޫލް ކުދިން ގިނައިން ހަރަކާތްތެރިވާ މި ސަރަހައްދުގައި، ނަމޫނާއަކަށް ބަލާ ބޮޑެތި މީހުންގެ ފަރާތުން އެ ކުދިންނަށް ތި ދެވެނީ ކޮންކަހަލަ މެސެޖެއް ހެއްޔެވެ؟

މިގޮތަށް ކުނިއަޅާ ބައެއް މީހުން ބުނާ ވާހަކައެއް އޮވެ އެވެ. "ވެމްކޯ މީހުންނަށް މުސާރަ ދީފައި ތިބެނީ މި ކުނި ނަގާ ސާފުކުރާކަށް ނޫންތަ؟"

އެފަދަ މީހުންނަށް އަހަރެންގެ ރައްދެއް އެބައޮތެވެ. އެންމެ ފުރަތަމަ ކަމަކަށް، ތިމާ އަށް ތިމާގެ ފަރުދީ ޒިންމާ އަދާކުރެވޭ ނަމަ އެ މީހުންނަށް މުސާރަ ދީފައި އެ ކަންތައް ކުރުވަން ނުވެސް ޖެހުނީހެވެ. އަދި ބަޔަކު އައިސް އެ ކުނިތައް ނަގާނެ ކަމަށް ބުނަމުން އަމިއްލަ ބޮލުން ފަރުދީ ޒިންމާ ދޫކޮށެއް ނުލެވޭނެ އެވެ. މިއީ ވަކި ބައެއްގެ ޒިންމާއެއް ނޫނެވެ. މިއީ އަހަރެމެން އެންމެން ވެސް ދިރިއުޅޭ ތަނެވެ. އެތަން ސާފުތާހިރުކޮށް އޮތުމުން އޭގެ އުފަލާއި ރީތި ނަން ވެސް ލިބޭނީ އަހަރެމެންނަށެވެ.

މީގެ އިތުރުން މާލޭގައި މިދަނީ އަނެއްކާވެސް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންނެވެ. މިފަދަ ހާލަތެއްގައި ތިމާ ކޮފީ ބޮއެފައި ހުންނަ ތަށި މަގުމައްޗަށް އެއްލާލުމުން ނޭނގި ނަމަވެސް އޭގެ ސަބަބުން ގިނަ ބަޔަކު ބައްޔަށް ހުށައެޅިގެން ހިނގައިދާނެ އެވެ. މިފަދައިން ސާފުތާހިރުކަން ކުޑަކޮށް އެއްތަނަކަށް ކުނިބުނި ޖަމާކޮށްފައި ހުރެ ގިނަ ދުވަސްވުމުން ކޮވިޑް-19 ނޫނަސް އެކި ވައްތަރުގެ ބަލިތައް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

މަގުމައްޗަށް ކުނި ނާޅާށޭ ބުނެ އެތައް ވާހަކައެއް ދެކެވޭ އިރު އަދިވެސް މި ނަސޭހަތް ގަބޫލުކުރާ މީހުން ނިސްބަތުން ވަރަށް މަދެވެ. ސޯޝަލް ސެންޓަރުގެ ބޭރު ފާރު ހުންނަ ސަރަހައްދު ހެއްކަކަށް ފުދެ އެވެ.

މިއީ ހަމަ ގައިމުވެސް ތަހުޒީބު މުޖުތަމައަކުން ފެނިގެންވާނެ ފަދަ އަމަލެއް ނޫނެވެ. އަތުގައި އެންމެ ފަހުގެ އައިފޯނާއި އައިވޮޗް އަޅައިގެން ކަންފަތުގައި އެއާޕޮޑެއް ޖަހައިގެން ހުރުމުން އަދި އެއީ ތަހުޒީބުވެވުމެއް ނޫނެވެ. އެންމެ ފުރަތަމަ މީހާގެ މިފަދަ ހުތުރު ކަންތައްތައް އިސްލާހުކުރާށެވެ.