ގަރާޖިގެ ވެރިފަރާތަށް ނޭނގި އެ ގަރާޖްގެ ނަމުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަމުންދާތީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް އެ ގަރާޖްގައި ހުރިތޯ ބެލުމުގެ މަސައްކަތް ފަށަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދުގެ ދަށުން، ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އިރު، ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ގަރާޖު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ އަދި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއް ކަން އަންގައިދޭ ލިޔުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ވެރިފަރާތަށް ނޭގި ރަޖިސްޓްރީކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
"ވީމާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާ ކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރި ތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ،" ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން ގަރާޖް ސިޓީ ވިއްކާ މައްސަލަތަކެއް ވެސް މީގެކުރިން ފާހަގަވި އެވެ. ނަމަވެސް އެފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.