ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން %33 އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ފޮނުވައިފި އެވެ.
އެ ބިލް މަޖިލިހަށް ފޮނުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށެވެ.
އަދި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަކީ ބިލްގެ މަގްސަދެއް ކަމަށް ބުނެފައިވެ އެވެ.
ރޮޒެއިނާގެ އިސްލާހުގައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަށް އަކުރެއް އިތުރު ކުރުމަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ މަޖިލިހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން %33 ހާއްސަ ކުރަން ވާނީ އަންހެނުންނަށް ކަމަށެވެ.
އަދި އަންހެނުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަން ވާނީ ގުރުއަތު ނަގައިގެން ކަމަށާއި މަޖިލިހުގެ އިންތިހާބުގައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ ގޮތަށް ދައުރުވަމުންދާ ގޮތަށް ކަމަށް ބުނެފައިވެ އެވެ. މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ކަނޑައަޅަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބިލް ތަސްދީގުވެ، ގާނޫނަކަށްވާ ހިސާބުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ފުރަތަމަ މަޖިލިސް އިންތިހާބު ބާއްވަން ވާނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ވެސް ރޮޒެއިނާގެ އިސްލާހުގައިވެ އެވެ.
އަދި އެ ބިލަށް އަމަލު ކުރަން ފަށަން ވާނީ ބިލް ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ކަމަށް ބުނެފައިވެ އެވެ.
ތިޔަ އިސްލާހް ގާނޫނު އަސާސީގެ 17 ވަނަ މާެްދާ އަާ ތައާރަޒްވޭ.17ގަވޭ ވަކި ޖިންސެއް ތަފާތު ނުކުރެވޭނެ ކަމަށް.
ހުރިހާ ގޮނޑިއެއް އަންހެނުން ނަށް ހާއްސަ ކުރިއަސް ދެން ކަމަނާ އަށް އެތާކައް ނުވަދެ ވޭނެ