"އޫކްލާ"ގެ ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް'ގެ އެވޯޑު ދިރާގަށް އަނެއްކާވެސް ލިބިއްޖެ އެވެ.
2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގެ ޕާފޯމަންސަށް ބަލާ މި ލިބުނު އެވޯޑަކީ ދިރާގަށް މި ޝަރަފުވެރި މަގާމް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.
އޫކްލާއިން މި އެވޯޑް ދިރާގާއި ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ހިނގަމުންދާ މޯބައިލް ވޯލްޑް ކޮންގްރެސް 2023 ގައެވެ. ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއީލް ރަޝީދެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ އޫކްލާގެ ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑް ޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވޯކްތަކުގެ ފެންވަރު ބަލާ، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެ އެވެ. އެގޮތުން އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ 2023 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފަ އެވެ.
"ޖެހިޖެހިގެން ތިން ވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް 'ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް' އެވޯޑް ލިބުމުގެ އުފާވެރި ޙަބަރު ކަސްޓަމަރުންނާ ހިއްސާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ޚިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ކުރާ މަސައްކަތާއި ދޭ ޚާއްސަ އަހައްމިއްޔަތު. ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކްގައި އަޅުގަނޑުމެންނާ އެކު ދެމިތިއްބެވިކަމަށްޓަކައި ދިރާގު ކަސްޓަމަރުންނަށް މަރުޙަބާ ކިޔަން އަދި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.
"ސްޕީޑް ޓެސްޓްގެ ތަފްސީލީ ދިރާސާއެއް ހެދުމަށްފަހު، ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ލިބިފައި" ޒިފް ޑޭވިސްގެ ޑިވިޝަނެއް ކަމަށްވާ އޫކްލާގެ ޕްރެސިޑެންޓް އަދި ސީއީއޯ ސްޓެފަން ބައި ވިދާޅުވި އެވެ.
"މި އެވޯޑަކީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ އެހެނިހެން ބޮޑެތި މޮބައިލް ނެޓްވަރކްތަކާ އަޅާބަލާއިރު އާދަޔާޚިލާފު ސްޕީޑާއި ޕާފޯމަންސް ދައްކާ މޮބައިލް ނެޓްވޯކް އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް. އެގޮތުން މި އެވޯޑް ދިރާގާ ހަވާލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރި މަސައްކަތުގެ އަލިގަދަ ހެއްކެއް."
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެ އެވެ. މީގެ އިތުރުން އެކުންފުނިން ވަނީ މިހާރު 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށް ވެސް ފޯރުކޮށްދީފަ އެވެ.
ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.