ދިވެހި ރައްޔިތުން މިހާރު އެއް އަޑަކުން ގޮވަމުން ދަނީ "ދޮގު ދޮލަނގު ކުނިވެއްޖެ" ވާހަކަ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށާއި ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް ބޮޑު ތަނުން ރައްޔިތުންނަށް އޮޅުވާލާއި ފިތުނަ ހަދާފައިވާ ކަމަށެވެ. އަދި މިސްރާބު ގެއްލި، ކަތިވެ، ފާލުން ނެއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން އެއް އަޑަކުން ގޮވަމުން ދަނީ ދޮގު ދޮލަނގު ކުނިވެއްޖެއޭ. ދޮގު ދޮލަނގުގައި ފުޅަ އަޅައްޕޭ. ދޮގު ދޮލަނގަށް ސަލާމޭ، ވައްސަލާމޭ. ފުދިއްޖެއޭ، ދެން ހޯހޯއޭ. ދެން ވަރިހަމައޭ. އަޅުގަނޑުމެން މިއަދު މިތިބީ ދިވެހި ރައްޔިތުން ގޮވާ ގޮވުން އެނގިގެން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީން ނުކުތީ މިސްރާބު ހަމަ މަގަށް އެޅުވުމަށް އާ ޖޯޝަކާއި އާ ފޯރިއަކާއި އާ އަޒުމަކާ އެކީގަ އެވެ. އެމްޑީޕީ އަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށާއި އެ ޕާޓީން ގޮވަމުން ދަނީ ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖެ އިން ބާކީވާން ފެށި އިރު، އަނިޔާވެރިކަން ތިލަވާން ފަށައި ހައްގުތައް ހަނިކުރަން ފަށާފައިވާ ކަމަށެވެ. މުއައްސަސާތަކަށް އަތް ބާނައި ނޫސްވެރިކަމުގައި ތަޅު އަޅުވަން ފަށާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ މިފަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ތެދުވެރި، އިހްލާސްތެރި ކެންޑިޑޭޓުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.