"އަޅުގަނޑާ ކަށީއާ ވެގެން އެކަނބުލޭގެ އަނގަ ބަނދެފައި ތަޅައި މަރާލީ އެވެ. އަދި ވަރަށް ފުނަށް ވަޅުގަނޑެއް ކޮނެ، އެވަޅުގަނޑަށް ވައްޓާލައިފާ ފަސް އެޅީއެވެ." މި އިބާރަތަކީ ރާއްޖޭގެ ވެރިކަމުގެ ބޭނުމުގައި މާލޭގައި ހިންގި އިދިކޮޅު ހަރަކާތެއްގެ ތެރޭގައި މީހަކު މަރައި ވަޅުލި ގޮތާމެދު އެއަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހުންގެ ތެރެއިން އެކަކު ވެފައިވާ އިއުތިރާފުގެ ބަޔާނުގެ ތަންކޮޅެކެވެ. މަރުހޫމް އަބްދުލް ހަކީމް ހުސޭން މަނިކު، އޭނާ ލިއުއްވި "ބޮޑު ހުޅުގެ ތާރީޚު" ގައި ލިއުއްވާފައިވާ މި ބަޔާނަށް ވިސްނާލުމުން ވެރިކަމުގެ ދަހިވެތިކަމުގައި ފުރަ މާލޭގައި ހިންގާފައިވާ ނުބައި އަމަލުތަކުގެ ކުޑަ ތަސައްވުރެއް ހިތަށް ސިފަވެ އެވެ.
ދިވެހި ތާރީޚުގެ ސަފުހާތައް ބަލާލުމުން ވެރިކަމުގެ ދަހިވެތިކަމުގައި މީހުން މެރުމާއި ރަސްކަމުގައި ތިއްބަވާ ބޭފުޅުންނަށް އަނިޔާކޮށް، ވެރިކަމުން ބޭލުމަކީ ވަރަށް ގިނައިން ފެންނަން ހުރި ކަންތައްތަކެވެ. ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީނަކީ ވެސް އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު ރޭވި ރޭވުންތަކެއްގެ ދަށުވެ، ހަވަރު ނިކުމެ ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން ފުރާނަ ދިޔަ ބޭފުޅެކެވެ.
ފުރާނަ ސަލާމަތްވި ކަމަށް ވިޔަސް އޭގެ ފަހުން ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ރާވައި ހިންގި ހަރަކާތްތަކުގެ ސަބަބުން އަނިޔާވި ވެރިން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވެ. އަމީންގެ ވެރިކަމުގެ ފަހުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަށް ވަނީ މިފަދަ ކޮންމެ ވެސް ހާދިސާއަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފަ އެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާ އެފަދަ ނުބައި އަމަލުތައް ކޮންމެ ކޮންމެ ފަހަރަކު ކާމިޔާބެއް ނުވެ އެވެ. އެހެން ނަމަވެސް އެ އަމަލުތަކުގެ ނަތީޖާ ދިގު ދެމިފައި އޮވެ އެވެ.
ވެރިކަމާއި ބާރު ހޯދުމަށްޓަކައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ ތެރެއިން ވެސް މާލޭގައި ހިންގި ބޮޑު ހުޅުގެ ހަރަކާތަކީ އަރާހުރި ހަރަތަކާތެކެވެ. ބޮޑުހުޅަކީ ވެރިކަމުގެ ދަހިވެތިކަމުގައި އޭރު މާލޭގެ ކަމުވޮށިވެގެންވާ ބަޔަކު އިސްވެ ތިބެ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ހިންގި ބިރުވެރި ހަރަކާތެކެވެ. އެ ހަރަކާތުގެ ތެރޭގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ ގެދޮރާއި ފިހާރަތައް އަނދައި ހުލިވުމުގެ ސަބަބުން އެތައް ގިނަ މުދަލެއް ފަނާވެގެން ދިޔަ އެވެ.
މުޅި ރާޢްޖެއަށް ބިރުވެރިކަން ގެނެސް ދިން މި ނުރައްކާތެރި ހާދިސާއަކީ މީލާދީން 1886 ގެތެރޭގައި ރާއްޖޭގެ ވެރިކަން ބަދަލުކޮށް ބާރުތައް ހޯދުމުގެ ބޭނުމުގައި ބަޔަކު ހިންގި ނުބައި އަމަލެކެވެ. އަބްދުލް ހަކީމް ހުސޭން މަނިކުގެ "ބޮޑު ހުޅުގެ ތާރީޚު"ގައި ވާގޮތުން އެ ނުބައި ހަރަކާތުގެ އެންމެ އިސް ވެރިޔަކަށް ހުންނެވީ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. ގަނޑުވަރުތެރޭގެ ބާރާއި އާރު ފުރޮޅިގެން ދިޔަ ގޮތަކުން އެމަނިކުފާނަށް އޮތް ބޮޑު ވަޒީރުކަން ގެއްލިވަޑައިގެންނެވުމާއެކު އޭރުގެ ރަސްގެފާނު، މަގާމުން ދުރުކުރެއްވުމަށް ހިންގެވި ހަރަކާތެކެވެ. ބޭނުމަކީ މާލޭގެ އަމްނު އަމާންކަން ބެލެހެއްޓުމަށް ރަސްގެފާނަށް ނުކުޅެދިފައިވާ ކަމާއި އޭރު މާލޭގައި ތިބި އިނގިރޭސި ރައްޔިތުން ކަމަށްވާ، ވޯރާ ވިޔަފާރިވެރިންނަށް އަމާން ކަމެއް ނެތްކަން އިނގިރޭސިންނަށް ދެއްކުމެވެ. އިނގިރޭސިންގެ އެހީ ހޯދައިގެން ވެރިކަން ބަދަލު ކުރުމަކީ ހުޅުޖެހުމުގެ އިސް ވެރިންގެ ބޭނުމެވެ.
މާލޭގައި ހުޅު ޖެހުމުގެ ހަރަކާތް ހިންގުމަށް ރޭވުމަށްފަހު ބައިވެރިން ނިންމީ އެކުރާ ކަންތައް ފަޅާނާރާނެ ފަދަ ސިހުރެއް ހަދާށެވެ. އަބްދުލް ހަކީމު ހުސޭން މަނިކު ލިއުއްވާފައިވާ ގޮތުން މިކަމަށްޓަކައި ގެނައީ މުޅި ރާއްޖޭގައި ވެސް އޭރު ހުރި ކަންވެރިކަމާއި ޖާދުއަށް އެންމެ މޮޅު މީހާ ކަމަށް ބެލެވޭ ކުދު އަބޫ ކިޔާ މީހެކެވެ. ކުދު އަބޫއަކީ އައްޑޫ މީހެކެވެ.
މާލޭގައި ހުޅުޖެހުމަށްޓަކައި ނުފެންނަ ފަންޑިތަ ހެދުމަށް ކުދު އަބޫއާ ހަވާލުކުރެވުމުން އަބޫ އެދުނު ކަމުގައި ވަނީ އެދުވަހު މަރުވި މީހެއްގެ ގަބުރު ބޭނުންވާނެ ކަމަށެވެ. އެހެންކަމުން މާލޭގައި ކުޑަ ކުއްޖަކު މަރުވެގެން ވަޅުލި ދުވަހުގެ ރޭ އެކުއްޖާގެ ކަށްވަޅު ކޮނެ ނަގައި ވަޅަށް ފަސްލައި ހެދުމަށްފަހު މައްޔިތާ ވެލާނާގެއަށް ގެންދިއަ އެވެ. ކަންދިމާވި ގޮތުން އެގޭގައި ހުރި ހުވަދޫ އަންހެނަކަށް އެމަންޒަރު ފެނިއްޖެ އެވެ. އެއާއެކު އިތުރު ފުރުސަތެއް ނުދީ އެ އަންހެން މީހާ މަރާލައި ވެލާނާގޭ ގޯތި ތެރޭގައި ފުންވަޅުގަނޑެއް ކޮނެފައި ވަޅުލީ އެވެ. މި ލިޔުން ފެށުމުގައި އެވަނީ އެ އަމަލު ހިންގި މީހުން އެކަމަށް އެއްބަސްވި ގޮތެވެ.
ހުވަދޫ އަންހެންމީހާ މަރާލުމަށްފަހު ކަށްވަޅުން ނެގި މައްޔިތާ ގެންދިޔައީ ފުނަދު އަށެވެ. އެއީ އޭރު އަތިރީގޭގޭ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އެ ރަށުގައި އެ ކުއްޖާ ފަޅާލައި މޭގަނޑު ނެގުމަށްފަހު އެ މޭގަނޑުން ތެޔޮ ހާނައިގެން އެ ތެލާއި ފުށާ އެއްކޮށްގެން ދޮން އަބޫ ހެދި ފުށްގަނޑު ބޮޑު ހުޅުގެ ބައިވެރިންނަށް ޖެހުނީ ކާށެވެ.
ފުށްގަނޑު މޮޑެ ފަންޑިތަ ހެދުމަށް އަބޫ ހުރީ ބޮޑުކަމު ހާޖަތަށް ގޮސް ތާހިރު ނުވެ އެވެ. ހުޅު ޖަހަން ތައްޔާރު ވެފައި ތިބި ބައިވެރިންނަށް އަންގާފައި އޮތީ ކޮންމެ މީހަކު ވެސް ކޮންމެ ވެސް އެއް ހާޖަތަކު ގޮސް ތާހިރު ނުވެ، އޭނާ އަންގާލުމުން އާދެވޭ ހިސާބުގައި ތިބޭށެވެ. އެއަށްފަހު ގޮވާލުމުން ދާންވާނީ އެންމެ ކުޑަމިނުން އުނަގަނޑުން ތިރި ނިވާ ނުވާ ހާލުގައި ހަތަރެސްފައި ޖަހާފައި ކަމަށް ވެސް އަބޫ އެންގި އެވެ. އެފަދަ ހާލުގައި އަބޫ އެންގި ގޮތަށް ފުށްގަނޑު ކާލި މީހުންގެ ތެރޭގައި އިބްރާހިމް ދޮށިމޭނާ ކިލެގެފާނާ ނޫމަރާ ގަނޑުވަރު މާފަތް ކިލެގެފާނާއި އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނާއި މީރުބަހުރުގޭ އިސްމާއީލް ދީދީ ފަދަ ބޭބޭފުޅުން ހިމެނެ އެވެ. ފުށްގުޅަ އެއްކޮށް ކައި ހުސްކޮށް ނުލެވުނީ ސައިކުރާ ކޮޔަށެވެ. އެ ކޮޔަށް ދިން ފުށްގުޅަ ހުސްކޮށް ނުލެވުމުން ދޮން އަބޫ ބުނިކަމަށް ވަނީ މިކަންތައް ފަޅާ އަރާނީ މީނަގެ ފަރާތުން ކަމަށެވެ. ހަމަ އެވަގުތު އެތަނުން އެކަކު އޭނާގެ ކަނދުރާއަށް ބޭލި ކަތިވަޅި މަތަވީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އޭނާގެ އަތުގައި ހިއްޕެވުމުންނެވެ. އެހެންނަމަވެސް ކަރުން ބޮޑު ތަނެއް ކަނޑައިގެން ދިޔަކަށްވެ އެވެ.
މައްޔިތެއްގެ ގަބުރު ނަގައި ހިންގި ނުބައި އަމަލުގެ ތެރޭގައި އިތުރު މީހަކު މަރާލައިގެން ހިންގި ބޮޑު ހުޅުގެ ބައިވެރިން ވަނީ މާލޭގައި ބޮޑު ބިރުވެރިކަމެއް އުފައްދައި މީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދީފަ އެވެ. އެ މީހުންގެ އަމަލުތައް ފަޅާ އަރައި، އަދަބު ލިބުނު ކަމަށް ވިޔަސް އެކަމުގެ އާޚިރު ނަތީޖާ އެއްގެ ގޮތުން އިނގިރޭސިންގެ ބާރުގައި އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ މައްޗަށް ވެރިކަމުގެ ބާރުތަރައް ފުރޮޅިގެން ދިޔަ އެވެ. ބޮޑު ހުޅުގެ ތާރީޚުން ދައްކުވައިދެނީ ވެރިކަމަށްޓަކައި ރާއްޖޭގައި ކޮންމެ ފަދަ އަނިޔާވެރި އަދި މުޑުދާރު އަމަލެއް ވެސް ކޮށްފާނެ ކަމެވެ.
ސުކޫލްގެ ފޮތްތްތަކުން ތިޔަ މީހުންނަކީ ރަނގަޑެއް ފަދަބައެއް
ބައެއްފަހަރު ގައުމުގެ ހައްގުގައި ގައުމު ހަމަމަގަށް އަޅުވާ ނުބައި ނުލަފާ ވެރިންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރުމަށް އެއިރެއްގައި އުޅުއްވާ ރައްޔިތުން ބަލައިގަންނަ ވެރިންނަށް ވަރަށްވެސް ގަބޫލުކުރަން ދަތި ބިރުވެރި ކަންކަން ކުރުއްވަން މަޖުބޫރުވެދެއެވެ. ހަމަ އެހެންމެ ބައެއްފަހަރު ގައުމާ ރައްޔިތުންގެ ހައްގުގައި ގައުމުތަކުގައި ހަނގުރާމަ ކޮށްގެން އެތައް ހާސް މީހުންނެއް މަރުވެވެސް ދެއެއްނޫންހެއްޔެވެ.
މިހާރުވެސް އުޅޭ އެމީހުންގެ ފޮތުން ކިޔަވައިގެން އިނގިރޭސިންގެ ރުހުން ލިބޭތޯ ވަރަށް މަސަައްކަތްކުރާ ބޭފުޅަކު...ވެރިކަން ގެެއްލުމުން ބޮޑު ހުޅެއްގެ ކަންތަށް ގަނޑެއްވެސް ހިނގާލި...
އިބްރާހިމް ދޮށިމޭނާ ކިލެގެފާނަކީ މުހައްމަދު އަމީންގެ ކާފާފުޅު.
ތާރީހަށް މިހާރުގެ ވާހަކަތައްވެސް ލިޔެވި ރައްކާކުރަން ޖެހޭ