ރާއްޖޭގެ ނިޒާމު ރޭވިފައި އޮތް ގޮތުން ސަރުކާރަކަށް ކަމެއް ކުރެވެން އަންނަނީ ރައްޔިތުން ދެ ފަހަރަށް ގޮތް ނިންމައިގެން ކަމަށާއި ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ވެސް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގދ. މަޑަވެލީގައި ވިދާޅުވެއްޖެ އެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި މަޑަވެލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަކަށް ކަމެއް ކުރެވެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގައި ވެސް ގޮތް ނިންމައިގެން ކަމަށެވެ. ދެ އިންތިހާބު އެއްކޮށް އޮތް ނަމަ، ވަރަށް ފަސޭހަވެގެން ދިޔައީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަމަވެސް ދެ އިންތިހާބު ކޮންމެވެސް ސަބަބަކާ ހުރެ ހައެއްކަ މަސް އައިސްފައި ދޭތެރެ މެދަށް މި އަންނަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރެއް ވަކި މިސްރާބަކުން ގެންދިއުމުގައި ރައްޔިތުންގެ މަޖިލިހަކީ މުހިންމު ތަނެއް ކަމަށެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި މަޖިލިހަކީ ވަރަށް މުހިންމު ކޮންޓްރޯލިން ޕަވަރެކެވެ.
"މަސްހުނި ނިޒާމެއް، މުޅިން ރިޔާސީއެއް ނުވޭ، ބަރުލަމާނީއެއް ނުވާ މަސްހުނި ނިޒާމެއް ރާއްޖޭގައި މިއޮތީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ނަމަ، މި ނިޒާމު އިންތިހާ އަށް ބޮއްސުންލައިގެން ހިނގައިދާނެ އެވެ. އަދި މަޖިލިހުގައި މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން ދޭތެރެ މެދުގައި ތާށިވެ، މުޅިން ގޮތް ހުސްވާ ނިޒާމަކަށް ގެންދެވޭ ނިޒާމެއް ރާއްޖޭގައި މިއޮތީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން ހޮވުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އޮންނަ އިރު، އަންނަ މަހުގެ 17 ވަނަ ދުވަހު އެ ފުރުސަތު ރައްޔިތުންނަށް އަނެއްކާ ވެސް ލިބިގެންދާނެ ކަމަށެވެ.
"އެހެންވީމަ އެ ދުވަހުގެ ވޯޓުގައި ރައްޔިތުން އެބަ ޖެހޭ ގޮތް ނިންމައި ދޭން. ރައްޔިތުން އަޅުގަނޑާ ހަވާލު ކުރި ޒިންމާ ރައްޔިތުން އެދިވަޑައިގަންނަވާ ބާރު ސްޕީޑްގައި ނަތީޖާ ނެރުމުގައި ކުރިއަށް ދެވޭނެ މަގު މި ދެންނެވި ފަދަ އިން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވެސް ފަހިވެގެން ދާނެ ގޮތަށް ބޭއްވުމަކީ ބުއްދިވެރި ނިންމުމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.