އިތުރު މީހަކު ކުރިމަތިނުލާތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސްގެ މަގާމު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިއްޖެ އެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި ޝާހިދު މި މަގާމަށް ހޮވުނީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިތުރު އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުންނެވެ. އެހެންކަމުން އިންތިހާބަކާ ނުލައި ޝާހިދު ހޮވުނުކަން އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ ޒިންމާ އާއި ހަވާލުވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރު އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ. ޝާހިދު ވިދާޅުވީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވަން މިދިޔަ ޖޫން މަހު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އެ މަގާމު ހުސްވެފައި އޮތުމުން، އާ ރައީސަކު އިންތިހާބު ކުރެވެންދެން އެ މަގާމު ވަނީ މިދިޔަ ނޮވެމްބަރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.

އަބްދުﷲ ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމާއި ވ. އަތޮޅު މެންބަރު ކަމާއި ކެޔޮދޫ ދާއިރާގެ މެންބަރުކަން އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ވެސް އަދާ ކުރައްވާފައިވެއެވެ.

ޑީއާރުޕީގައި ހުންނެވުމަށްފަހު އެ ޕާޓީ ދޫކުރައްވައި ޝާހިދު އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. އޭރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން ޝާހިދު ވަނީ އެ ޕާޓީގެ ދެވަނަ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުގެ މަޤާމު އަދާކުރައްވާފަ އެވެ. އަދި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ވެސް ޝާހިދު ވަނީ ބަލަހައްޓަވައިފަ އެވެ.