ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ ތައުލީމެއް ނެތް، "ވައްކަން ކުރަން" ފޯރި ހުންނަ ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދިނުމަށް ހިންގަމުން އައި ޕްރޮގްރާމް ހުއްޓިފައިވާ ކަމަށާއި އަންނަ ހަފްތާގައި އެ ޕްރޮގްރާމް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
"މިއީ ކުރިން ވެސް އޮތް ޕްރޮގްރާމެއް. ނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން، ވަރަށް އިހުއްސުރެ ލަންކާގައި ވެސް އޮތް ޕްރޮގްރާމް، އޮތީ ހުއްޓިފައި. މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވެސް އޮތީ ހުއްޓިފައި،" ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި ތ. ވަންދޫގައި ބޭއްވި ޖަލްސާގައި ޝަފީއު ވިދާޅުވި އެވެ.
ނަމަވެސް ލަންކާގެ ސޯސަންވިލާގައި ހިންގާ ސެންޓަރުގެ އިސް އެއް ވެރިޔަކަށް ކުރިން ހުންނެވި ޖައުފަރު ރަޝީދު (ޖޯރޭ) ވަނީ، ލަންކާ އާއި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުން ހުއްޓިފައިވާ ކަމަށް ޝަފީއު ވިދާޅުވި ވާހަކަ ދޮގު ކުރައްވައިފަ އެވެ.
އެ ވާހަކަތައް މިގޮތަށް އައުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ހައިރާންވާ ވަރުގެ ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ.
"ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައިވާ ފަދައިން މީހެއްގެ ސޫރަތާއި މުދަލަކަށް ނޫން اللہ ބައްލަވާ ވޮޑިގަންނަވަނީ. އެމީހެއްގެ ހިތަށާއި އަމަލަށް ބައްލަވާ ވޮޑިގަންނަވަނީ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ މޫނުފުޅާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މޫނުގައި ޑިޒައިންކޮށްފައިވާ އިސްތަށިކޮޅުން ގޮތް ނިންމަން ނުވާނެ ކަމަށެވެ. އަދި ސަރުކާރާ މެދުގައި ގޮތް ނިންމަން ވާނީ ރައީސް އޮފީހަށް ބަލައިގެން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ތައުލީމެއް ނެތް ގިނަ ބަޔަކު އެބަތިބި. ރައްޔިތުން ހާމަކަން ބޮޑުވާން ޖެހޭ ކަންތައް އެބަހުރި. ދައުލަތުން ޓިނުގަނޑުތަކަށް ދާންދެން ވަގަށް ނަގަން ފޯރިނަގާ ބަޔަކު ކޮންމެ ފަދަ ދޮގެއް މިއިން ކޮންމެ މީހަކުވެސް ހަދާފާނެކަން ކަށަވަރު." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އެ އިޝާރާތް ކުރެއްވީ ސީދާ ކޮން ބޭފުޅެއް ކަން ސާފު ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެމަނިކުފާނު ބަހުގެ ހަމަލާތައް ރައްދު ކުރެއްވީ ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށެވެ. އަބްދުއްރަހީމް މިއަދު ވަނީ ޔާމީނަށް ފާޑު ވިދާޅުވެ، ޖަމީލް ކުރިން ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯއެއް "އެކްސް" ގައި ހިއްސާ ކުރައްވައިފަ އެވެ.