ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ގަލޮޅު ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލާއިރު އެ މަގުގައި މަތިން ހުރަސްކުރެވޭ ގޮތަށް ފުޓް ބްރިޖެއް އަޅަން ނިންމައިފި އެވެ.
ދޮންއަދަރާދަ ހިނގުން ބަންދުކުރީ ސްޓެލްކޯގެ ބޭނުމަށް މީގެ 12 ވަރަަކަށް އަހަރު ކުރިންނެވެ. އެ މަގު ބަންދުކުރީ އޭރު ސްޓެލްކޯގެ އިންޖީނުތައް ބަހައްޓާނެ ޖާގަ ނެތިގެން ވަގުތީގޮތުން އިންޖީނުތައް ބެހެއްޓުމަށެވެ.
ސްޓެލްކޯ އިން ބުނީ ދޮންއަދަރާދަ ހިނގުން ހުޅުވާލާއިރު އެ މަގުގެ ދެ ފަރާތުގައި އޮންނަ ސްޓެލްކޯގެ ކޮންޕައުންޑް ގުޅުވާލުމަށް މަތިން ހިނގާފައި ދެވޭ ގޮތަށް ފުޓް ބްރިޖެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެ ބްރިޖް ހެދުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށައިފަ އެވެ.
ސްޓެލްކޯއިން ބުނީ އެ މަގު އަލުން ހުޅުވާލުމުގެ ގޮތުން މިހާރު ކުރަމުންދަނީ ފުޓް ބްރިޖްގެ މަސައްކަތް ކަމަށެވެ. އަދި އެ ބްރިޖް އަޅަނީ އޭގެ ދަށުން އަލިފާން ނިވާ ލޮރީ ފަދަ އުސް ވެހިކަލްތަކަށް ދެވޭ ވަރަށް އުސްމިން ބަހައްޓާއިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ ދޮންއަދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އެ ގޮތުން މަގުގައި އަލުން ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކުރިން ވިދާޅުވެފައި ވަނީ އެ މަގު ހުޅުވާލުމަށް ނިންމީ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ހޯދައިދިނުމަށް ކަމަށެވެ.
ދޮންއަދަރާދަ ހިނގުން ނިމޭ ހިސާބު ބަންދުކޮށްގެން ސްޓެލްކޯގެ 17 އިންޖީނެއް ބަހައްޓާފައިވެ އެވެ. ނަމަވެސް އެ އިންޖީނުތައް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޓެލްކޯއިން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ޖެނުއަރީ މަހުގެ ނިޔަލަށް މަގު ހުޅުވާލުމަށް މީގެ ކުރިން ސްޓެލްކޯއިން އަމާޒުހިފި ނަމަވެސް އެ ކުންފުނިން މިހާރު ބުނަނީ މި މަހުގެ ތެރޭގައި އެ މަގު ހުޅުވާލެވޭނެ ކަމަށެވެ.