މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އަމަލުކުރާނެ ގޮތް އަންގައިދިނުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ރަމަޟާން މަހުގެ ފަހު 10 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި އިސްކަންދިނުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ނަމަވެސް، ރޯދައިގެ ފަހު 10 އާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އެކި މުއައްސަސާތަކުން އާއްމުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ކަނޑައަޅާ ގޮތެއްގެ މަތިން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން އެދިފައިވެ އެވެ.
އީސް އޮފީހުން މިހާރުވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކުރައްވައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޚިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.
އެ މުއައްސަސާތަކުން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް، އެކި ވަސީލަތްތައް މެދުވެރިކޮށް އާއްމުންނަށް ވީހާވެސް ބޮޑަށް ސާފުކޮށްދިނުމާއި އެކަންކަމުގެ މައުލޫމާތު ރައީސް އޮފީހާ ހިއްސާކޮށްދިނުމަށް ވަނީ ރައީސް އޮފީހުން އެދިފަ އެވެ.
ރޯދަ މަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.