މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމްއާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޮޒައިނާ ވަނީ ތިން ދައުރު މަޖިލިސް މެމްބަރުކަން ކުރައްވާފަ އެވެ. ނަމަވެސް މިއަދު ބޭއްވި ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ރޮޒައިނާއަށް ކާމިޔާބެއް ނުވި އެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ އަހްމަދު ޝަރީފް (ޑުންގާ ޝަރީފް) އެވެ.
ފޭދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް ވޯޓުލީ 688 މީހުންގެ ތެރެއިން ރޮޒައިނާއަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ޑުންގާ ޝަރީފަށް 251 ވޯޓު ލިބިވަޑައިގަތެވެ. އެ ދެ ބޭފުޅުންނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާއަށް ލިބިވަޑައިގެންނެވީ 206 ވޯޓެވެ.
ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަހުމަދު ޣާލިބެވެ. އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފާއި ރިޔާސީ ގަނޑުވަރުގެ މިނިސްޓަރު އިގްބާލް އާދަމްގެ އެއްބަންޑު އެއްބަފާ ކޮއްކޮ އެވެ.
ގާލިބު އަށް ވަނީ 125 ވޯޓު ލިބިވަޑައިގަތްއިރު، ދެވަނައަށް ދިޔަ ޝަރީފުއަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ.
ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމަށް ލިބިވަޑައިގެންނެވީ 106 ވޯޓެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި މުހައްމަދު ނިއުޝާދަށް ލިބިވަޑައިގެންނެވީ 113 ވޯޓެވެ.
މިއަދުގެ ޕްރައިމަރީން ރޮޒައިނާ ބަލިވެވަޑައިގަތަސް އޭނާގެ ފިރިކަލުން ވަނީ ކިނބިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ. ފުވައްމުލައް ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.
މީގެއިތުރުން އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ ހުޅުމާލެ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ.