"ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގާއިމުވިއިރުގައި އިސްލާމީ ވުޒާރާގައި އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތް" މިއީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ކުރިން ސަރުކާރުގެ ވެރިން ރައްޔިތުންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވުމަށް ބޭއްވި "އަހާ" ޕްރޮގްރާމް ތައާރަފް ކުރެއްވުމަށް ވާހަކަފުޅު ދެއްކެވި މަޝްހޫރު ދީނީ އިލްމު ވެރިޔާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކައިގެ ތަންކޮޅެކެވެ.
އެ ވާހަކަފުޅުގައި އެމަނިކުފާނު އުޅުއްވާފައި ވަނީ ސަރުކާރުގެ އެކި ވުޒާރާތަކުގައި ނުދެއްކި ހުރި ދަރަނިތަކެއް ރައީސް މުއިއްޒުގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދައްކައި ޚަލާސްކޮށްލި ކުޅަދާނަކަމުގެ ވާހަކަ އެވެ. ރައީސް މުއިއްޒުގެ މޮޅުކަމާއި ހުޝިޔާރުކަމުގެ ވާހަކަ އެވެ.
"ރައީސްގެ ފުރަތަމަ ދެހަފުތާތެރޭގައި ވާނީ މި ދަރަނިތައް ފިލުވައިލުމަށްޓަކައި މިނިސްޓްރީ އަށް ފައިސާ ހަމަޖައްސަވާފައި،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ގިނިކަންޏާއެއް ނޫނެވެ. އެބައްދަލުވުމުގައި ވާހަކަ ދެއްކެވި ކޮންމެ މިނިސްޓަރަކު ވެސް ވިދާޅުވީ ރައީސް މުއިއްޒުގެ އާދަޔާ ޚިލާފު މޮޅުކަމުން ހުރިހާ ދަރަންޏެއް ނިންމަވާ މުއައްސަސާތަކަށް ފައިސާ ހަމަޖައްސަވާފައިވާ ކަމަސެވެ.
ސުވާލަކީ މިހުރިހާ ފައިސާއެއް ރައީސް މުއިއްޒު ކުއްލިއަކަށް ހޯއްދެވީ ކޮން ތަނަކުން ހެއްޔެވެ؟
ވެރިކަން ބަދަލުވިއިރު ދައުލަތުގެ ބައިތުލްމާލުގައި ފައިސާއެއް ނެތެވެ. ކޮވިޑުގެ ވަބާއިން ފެށިގެން ބަޖެޓު ހަމަޖައްސަމުން އައިސްފައި ވަނީ ރާއްޖޭގެ އެތެރެއިންނާއި ބޭރުން ނަގާ ދަރަނިންނެވެ. އޭގެ އިތުރުން ފައިސާ ޗާޕް ކޮށްގެން ވެސް ސަރުކާރުން ވަނީ ހޭދަކޮށްފަ އެވެ.
ދައުލަތުގެ ރިޒާވުގައި ޚަރަދުކުރާނެ ފައިސާ ނެތަސް ކޮންމެ މަހަކު މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭ މިންވަރަށް ބަޖެޓުގެ ތާށިކަން ހުރިއިރު ވެސް ސަރުކާރުން ގެންދަނީ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމާއި ޖުރިމާނާތައް މާފުކޮށްދިނުމާއި ވެހިކަލްތައް ގަވައިދާ ހިލާފަށް ޕާކުކުރުމުން ކުރާ ޖޫރިމަނާ އާއި އިތުރު ސަބްސިޑީތައް އިއުލާން ކުރުން ފަދަ ކަންތައް ކުރަމުންނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނެވީ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ކުރެއްވުމަށް ފަހު އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އެއް ވައުދަކީ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ދަރަނި އަދާ ކުރައްވާ ނިންމަވާނެ ކަމަށް ވިދާޅުވި ވައުދެވެ. ސަރުކާރަށް ތިން މަސް ވީއިރު ވެސް އެ ދަރަނި ވެސް އަދައެއް ނުކުރެވެ އެވެ. އެންމެ ފަހުން ރައީސް މުއިއްޒު ވިދާޅުވީ އިތުރު ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދަރާފައި އޮތް ދަރަނި ދައްކަވައި ނިންމަވާނެ ކަމަށެވެ.
ރައީސް މުއިއްޒު މަސްވެރިންނަށް ފައިސާ ދެއްވުމަށް ލޯނެއް ނަންގަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ދެން ފެނުނީ މަސްވެރިކަމާ ބެހޭ ވަޒީރުގެ ބަޔާނެކެވެ. އެބަޔާނުން ސާފުކޮށް އެނގެން އޮތް ގޮތުގައި ސަރުކާރުން މިވަގުތު ގެންދަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަދާކޮށް ނިންމުމަށްޓަކައި ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި އެފަދަ ލޯނެއް ރާއްޖޭގެ އެތެރެއިން ވެސް ބޭރުން ވެސް ހޯދުމަކީ މިވަގުތު ހާލަތު އޮތް ގޮތުން ފަސޭހަ ކަމެއް ނޫނެވެ.
"ސަރުކާރު އަދި މިފްކޯ އިން ދަނީ ރައީސުލް ޖުމހޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީ ދީގެން ވެސް ފެސިލިޓީ އެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން. ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމާއި މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން އެތެރެއިން ވެސް އަދި ބޭރުން ވެސް ފެސިލިޓީ އެއް ހޯދުމުގައި ގޮންޖެހުން ހުރިކަން ވެސް ފާހަގަ ކުރަން،" ސޯޝަލް މީޑިއާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާންމު ކުރެއްވި ލިއުމެއްގައިވެ އެވެ.
ފިޝަރީޒް މިނިސްޓަރުގެ ވާހަކަފުޅަށް ވިސްނާ އިރު ސަރުކާރަށް މާލީ ދަތިކަން އޮތް މިންވަރާއި އާންމުކޮށް ކުރަންޖެހޭ ޚަރަދު ހަމަޖައްސަން ދަރަންޏަށް ފައިސާ ހޯދަން ޖެހިފައިވާ މިންވަރާއި އެކަމުގައި ހުރި ދަތިތައް ކިތަންމެހާ ވެސް ރަނގަޅަކަށް ހާމަވެ އެވެ.
ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުމުގެ އިތުރުން ޚަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް ފައިސާ ނުލިބިގެން އުޅުނުކަމުގައި ވިޔަސް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ގެންދަނީ ރައްޔިތުންނަށް ތަފާތު އެތައް ކަމެއް ކޮށްދޭނެ ކަމުގެ ވައުދުތައް ވަމުންނެވެ.
އެ ވައުދުތައް ފުއްދުމަށް ފައިސާ ނެތްކަން ޔަގީންވާ އިރުވެސް ސަރުކާރުގެ ހައިބަތު ދެއްކުމަށް ބައެއް ވަޒީރުން ގެންދަވަނީ ހަގީގަތާ ޚިލާފު ވާހަކަތަކުން ރައީސް މުއިއްޒަށް ޚުޝާމަދު ކުރައްވަމުންނެވެ.
މިނިސްޓަރު ޝަހީމާއި އެހެން ބައެއް މިނިސްޓަރުން "އަހާ" ޕްރޮގްރާމުގައި ދަރަންޏާ ބެހޭގޮތުން ދެއްކެވި ވާހަކަ ފުޅުތަކަކީ އެފަދަ ވާހަތަކެކެވެ. ޚުޝާމަދު ކުރުމާއި އޮޅުވާލުމުގެ ބަޔާންތަކެވެ.
މިހާރު ޕާކު ކުރާކަށް ވަކި ތަނެއްނޯވޭ.ޖެހުނު ތަނަކު ޕާކު ކޮށްލަންވީ.ވަރިހަމަ ކިތެންމެ ހަނި މަގަކަށްވިޔަސް 2 ފަރާތުގަވެސް ޕާކު ކޮއްލަފާނެ.