ވަޒީފާއަށް ދަނީ އާމްދަނީ ހޯދުމަށެވެ. ތިމާ ހަޔާތުގައި ކުރާހިތްވާ މަސައްކަތެއްގައި ގާއިމު ވުމަށެވެ. އަދި އާ ހުނަރުތައް ދަސްކޮށް، އިޖުތިމާއީ ގުޅުން ވެސް ބަދަހި ކުރުމަށެވެ. އެކަމަކު އެ މާހައުލުގައި އުޅެ، މަސައްކަތުގައި އަވަދިނެތި އުޅެ އުޅެ ގޮސް މީހާ މުޅިން އަނދައި އަޅިޔަށްވާ ހިސާބަށް ދިއުމުގެ ކުރިން ވިސްނާލަން އެބަ ޖެހެ އެވެ. ތިމާގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ވަޒީފާއާ ހެދި މުޅިން ފަނޑުވުމުގެ ކުރިން އޭގެ އަލާމާތްތައް ދެނެގަންނަން އެބަ ޖެހެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި "ބާރން-އައުޓް" ވުމަކީ ވަޒީފާގެ މާހައުލުން ތިމާއަށް ކުރިމަތިވާ ސްޓްރެސް ރަނގަޅަށް މެނޭޖު ނުކުރެވުމުގެ ސަބަބުން ތިމާގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވާ ގޮތެކެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތްކަމުގެ އިހުސާސެވެ. ސިކުނޑީގައި ވިސްނުމުގެ އެއްވެސް ހިތްވަރެއް ވެސް ނެތުމެވެ. މަސައްކަތްކުރާ ހިތް ނުވުމެވެ. ވަޒީފާއަކީ ބޮޑު ބިލާހެއްގެ ގޮތުގައި ސިފަކުރެވުމެވެ. އަދި މަސައްކަތްކުރުމުގެ ޝައުގު ނެތް ހާލު، ކުޑަކުޑަ ޓާސްކެއް ނިންމާލުމަކީ ވެސް ތިމާއަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ދެކެވުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ތިމާގެ އުފެއްދުންތެރިކަމާ މެދު އަމިއްލައަށް ސުވާލު އުފެއްދުމެވެ.

މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވެފައި އޮވެދާނެ ހާލަތެކެވެ. ނޭނގި ނަމަވެސް އެވެ.

ބާރން-އައުޓް ވުން ގުޅިފައިވަނީ ތިމާގެ ނަފްސާނީ އަދި ޖިސްމާނީ ހިތްވަރާއި ހަކަތައާ އެވެ. މި ހުރިހާ ކަމެއް ވެސް ކުރިމަތިވަނީ ކުރަން ވާ ވަރަށް ވުރެ މާ ގިނައިން މަސައްކަތުގައި ޝާމިލުވެ އުޅޭތީ އެވެ. ދިރިއުޅުމުގެ އެހެން ކަންކަމަށް ދޭންޖެހޭ ވަގުތު ނުދީ، އަބަދު މަސައްކަތުގައި އަވަދިނެތި އުޅެވޭތީއެވެ. ފުރިހަމަ "ވޯކް-ލައިފް ބެލެންސް" ނުގެންގުޅެވޭތީ އެވެ.

ބާން-އައުޓް ވުމުގެ ކުރިން އެކަން ކުރިމަތިވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމެވެ.

ފުރަތަމަ ސިއްހަތު

ވަޒީފާ ނުވަތަ ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އެންމެ އިސްކަން ދޭންވާނީ ތިމާގެ އަމިއްލަ ސިއްހަތަށެވެ. ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށެވެ. ޖިސްމާނީ ސިއްހަތު ދެމެހެއްޓުމަށްޓަކާ ރަނގަޅު ކާނާ ކެއުމާއި ހަމަ ނިދި ހޯދުމާއި އަދި ކަސްރަތުކުރުމަކީ މުހިންމު ކަންކަމެވެ. އަދި ނަފްސާނީ ސިއްހަތަށްޓަކާ އިޖުތިމާއީ ގުޅުންތަކާއި ނަމާދުކުރުމާއި އަދި މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ބްރޭކް ނެގުމަކީ ކުރަންޖެހޭނެ ކަންކަމެވެ. މީގެ އިތުރުން ތިމާގެ ދުވަސް ރަނގަޅަށް ޕްލޭންކޮށްލައިގެން ފެށުމަކީ އެހީތެރިވެދޭނެ ކަމެކެވެ.

ވިސްނާ ގޮތް ބަދަލުކޮށްލާ

ބައެއް ފަހަރު ވަޒީފާގައި އުޅޭ އިރު ދިމާވާ ކަންކަމަކީ ތިމާގެ ކޮންޓްރޯލުން ބޭރުގައި ހުންނަ ކަންކަމެވެ. މިސާލަކަށް، ބޮސް ތިމާއާ ހަވާލުކުރާ ވޯކްލޯޑެވެ. ނުވަތަ ތިމާގެ ޓީމުގައި ހިމެނޭ ކޯވޯކަރެއްގެ މިޒާޖެވެ. ނުވަތަ އެހެންވެސް ކަމެކެވެ. މިފަދަ ކަންކަމާ ހާސްވެ ބޯ ގޮއްވަން ނުހަދާށެވެ. އޭގެ ބަދަލުގައި އެކަންކަމާ މެދު ވިސްނާ ގޮތް ބަދަލުކޮށްލެވޭނެ ގޮތެއް ހޯދުމަކީ އޮފީސް މާހައުލުގައި އޮންނަ ސްޓްރެސް ލެވެލް ކުޑަކުރެވޭނެ ކަމެކެވެ. އަދި ތިމާގެ ވޯކްލޯޑު ފަދަ ތިމާގެ މަސްއޫލިއްޔަތު މާ ބުރަވާ ނަމަ އެކަންކަން މެނޭޖުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދާލެވިދާނެއެވެ. އެކަންކަމާ އެކަނި ޑީލްކުރުމުގެ ބަދަލުގައި ސުޕަވައިޒަރު ނުވަތަ މެނޭޖަރާ މަޝްވަރާކޮށްގެން ވެސް ކަންކަން ހައްލުކުރެވިދާނެ އެވެ. މީގައި މުހިންމު ކަމަކީ ވިސްނުން ބަދަލުކޮށްގެން ނަމަވެސް ކަންކަން މެނޭޖުކުރެވޭނެ ގޮތެއް ހޯދުމެވެ.

ހައްދުތަކެއް

ހައްދު ނުވަތަ "ބައުންޑްރީސް"ތަކެއް ވަޒީފާގައި ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާގެ އަމިއްލަ ބައުންޑްރީސްތަކުގެ ތެރޭގައި މިސާލަކަށް، ގާބިލުކަން ހުރި މިންވަރަށް ވުރެ އިތުރަށް މަސައްކަތާ ހަވާލުނުވުން ހިމެނެ އެވެ. އަދި ވޯކް-ލައިފް ބެލެންސަށްޓަކާ އޮފީހުގެ ރަސްމީ ވަގުތަށްފަހު ގެއަށް ދިއުމާއި ގޭގައި ނިދާ ކޮޓަރީގައި އޮފީސް މަސައްކަތް ނުކުރުން ފަދަ ކަންކަން ހިމެނެ އެވެ. ގިނަ ފަހަރަށް އަހަރެމެންގެ ނަފްސަށް އެންމެ ބޮޑަށް ޕްރެޝަރުކުރަނީ އަހަރެމެން އަމިއްލައަށެވެ. އެއީ އަހަރެމެންގެ އަމިއްލަ އުންމީދުތައް ވެސް މާ ބޮޑުވީމާ ކަމަށް ވެދާނެ އެވެ. އެކަމަކު ވަޒީފާގައި ބާން-އައުޓް ވުމުން ދުރުހެލިވުމަށްޓަކާ މި ބައުންޑްރީތައް އަޅަން އެބަ ޖެހެ އެވެ.

މި ކަންކަމުގެ އިތުރަށް ވެސް ކުރެވިދާނެ ވަރަށް ބައިވަރު ކަންކަން ހުރެ އެވެ. އެހެން ނަމަވެސް ކަންކަން މާ ގޯސްވެ، އަމިއްލައަށް ސްޓްރެސް މެނޭޖުކުރަން އުނދަގޫ ނަމަ ލަސްނުކޮށް އެހީ ހޯދަންވާނެ އެވެ.