މި ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުން ދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮތީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. މީގެތެރެއިން ސައީދު ފިޔަވައި ދެން ތިއްބެވި އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުން ދޭން މަޖިލިހުން ފާސްވެފައެއް ނުވެ އެވެ.
މިއިން ކޮންމެ ވޯޓެއްގައި ހެން، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިޕާ ހިލާފުވެވަޑައިގެންފަ އެވެ.
އެގޮތުން، ސައީދަށް ރުހުން ދޭން ފެންނަ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވޯޓު ދެއްވި އެވެ. އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތަޅުމުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް މުމްތާޒާއި ޝިފާއު އާއި ޖަމްޝީދުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވޯޓު ދެއްވި އެވެ. ބަންޑާރަ ނައިބަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީ މެމްބަރަކަށް ވޯޓު ދެއްވީ މުމްތާޒް އެކަންޏެވެ. ހައިދަރުގެ ވޯޓުގައި ޖަމްޝީދު މަޖިލިހުގެ ތަޅުމުގައި އިންނެވި ނަމަވެސް އޭނާ ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ޕީޖީ ގްރޫޕުގެ ހިންގާ ގަވައިދުގައި ވިޕާ ހިލާފުވާ މެމްބަރުންނާ މެދުގައި އަމަލު ކުރެވޭނެ ގޮތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގައިވާ ގޮތުން ވިޕާ މެމްބަރުންނަށް ފުރަތަމަ ދޭނީ ނަސޭހަތެވެ. އެންމެ ފަހު މަރުހަލާއެއްގެ ގޮތުގައި އޮންނާނީ ޕާޓީން ވަކި ކުރުމެވެ.
"މިހާރު އަޅުގަނޑުމެން މި ދަނީ އިއްޔެ އަޅުގަނޑުމެންގެ ވިޕާ ހިލާފުވި ބޭފުޅުންނާ ދޭތެރޭގައި، އެބޭފުޅުން ކިތަށް ފަހަރުތޯ ހިލާފުވެވަޑައިގަތީ، މިކަންކަން ބަލަމުން އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލް ކުރިއަށް އެބަގެންދަވާ. ގަވައިދު ބުނާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން،" ބިގޭ ވިދާޅުވި އެވެ.