ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ތަހުލީލުތައް ނިމެންދެން، ޕެނަޑޯލް ބޭނުންކުރުން ހުއްޓާލަން އެ އޮތޯރިޓީއިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ރާއްޖެ އެތެރެކޮށް ވިއްކައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި "ޕޯސްޓް މާކެޓް ސާވައިލަންސް ޕްލޭން" ހަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ އެ ފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުން ކުރުމުން ބޭހުން ލިބެން ޖެހޭ ފައިދާ ނުވަތަ ބޭހުގެ އަސަރު ނުކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ދިރާސާކުރަމުންދާ ކަމަށެވެ. އަދި އެމްއެފްޑީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން، ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު މި ބޭސް ނުވިއްކުމަށް އަންގާފަ އެވެެ. އަދި އެ ތަހުގީގު ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން މަނާ ކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މި ވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެެއްޓުމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

އެ އޮތޯރިޓީއިން އިތުރަށް ބުނީ ޕެނަޑޯލް (ޕެރަސެޓަމޯލް) ރާއްޖެގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ބޭސް ކަމަށާއި ފެރަސެޓަމޯލް 500 މިލިގްރާމްގެ އިތުރުން 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑް އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.