ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ ބަޔަކު ގްރީން ޒޯނުގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ދޮށަށް އެއްވެ މުޒާހަރާ ކުރަން ފަށައިފި އެވެ.

ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި މުޒާހަރާކުރުމަކީ އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. މީގެ ކުރިން އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރާ ނަމަ ފުލުހުން އެކަން ހުއްޓުވަ، އެބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.

ގްރީން ޒޯނަށް އެއްވެ ތިބެ މުޒާހަރާކުރަމުން ދަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންނެވެ. މީގެ ތެރޭގައި ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި ސްޓޭޓް މިނިސްޓަރުންނާއި ބައެއް ނައިބުން ވެސް ހިމެނެ އެވެ. އަދި އެއަށްވުރެ ދަަށް ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުން ވެސް ބޯޑުތައް ހިފައިގެން މަޖިލީހުގެ އިދާރާ ކައިރީގައި ތިބެ އަޑުގަދަކުރަމުން ގެންދެ އެވެ.

ސަރުކާރަށް ތާއީދުކުރާ ބަޔަކު ގްރީން ޒޯނުގައި މުޒާހަރާކުރާ އިރު ފުލުހުން އެކަން ހުއްޓުވަން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް ޓްރެފިކް ބެލެހެއްޓުމަށާއި މަޖިލީހުގެ ދޮރުމަތީގައި ހައެއްކަ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ސަރަހައްދުގައި ހުރި "ހުރިހާ"ގެ ނޫސްވެރިޔާ ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ވަދެވެން ހުރި ދޮރުތަކުގައި ތަޅުލައިގެން ސަރުކާރުގެ ބައެއް މެމްބަރުން ތިބީ އެތެރޭގަ އެވެ. އަދި ސަރުކާރުގެ ބައެއް މެމްބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި ހުރި މުދަލަށް ގެއްލުން ވެސް ދެމުންނެވެ. މިގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ބައެއް މެމްބަރުންގެ މައިކްތައް މޭޒުތަކުން ލުއްސާލައިގެން ގެންގޮސްފަ އެވެ.