ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓާސް ލިސްޓް އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކޮށް އަންގައި އިއުލާންކޮށްފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެސްފައިވާ ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ވަނީ މީގެ ކުރިން ދީފަ އެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ 24 ޖެނުއަރީގަ އެވެ. އެ ފުރުސަތު ހަމަވީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށެވެ. ދާއިމީ ލިސްޓު އެކުލަވާފައި ވަނީ ޝަކުވާތަކަށްފަހު ގެންނަންޖެހޭ އިސްލާހުތަކާ އެކުގަ އެވެ.
އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލީ މިދިޔަ މަހުގެ 16ގަ އެވެ. ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއެއްގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހަޅާފައިވާތީ، އެ ދާއިރާތަކުން ކުރިމަތިލި ކެންޑިޑޭޓަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފަ އެވެ. 43 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް އިތުރު 10 ފަރާތަކުން ވަނީ ފަހުން ކަށަވަރުކޮށްފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން، 44 ދާއިރާއަކަށް ޕްރައިމަރީއާނުލައި ޓިކެޓް ވަނީ ކަށަވަރުކޮށްފަ އެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި 44 ދާއިރާއެއްގެ ޕްރައިމަރީއެއް ނުބާއްވާނެ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް، ކެންޑިޑޭޓް ނަންބަރާއެކު މިހާރު ވަނީ އާންމުކޮށްފަ އެވެ.