މާޗް މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދާއިރާތަކަށް ޕީޕީއެމް/ޕީއެންސީއިން ވާދަނުކުރުމަށް ނިންމައިފި އެވެ.
ޕީޕީއެމާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވާދަ ކުރައްވާ ދާއިރާތަކަށް ވާދަ ނުކުރަން އެ ދެ ޕާޓީން ނިންމާފައިވާ ކަމަށެވެ.
އެދާއިރާތަކަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ މީދޫ ދާއިރާ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދޫކޮށްލި ތިން ދާއިރާ ނޫން އެހެން ހުރިހާ ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީ އިން ވާދަ ކުރާނެ ކަމަށާއި އެއީ އެންމެ ކުރިން ވެސް ޕާޓީން ނިންމާފައި އޮތް ގޮތް ކަމަށެވެ. ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހޮނިހިރު ދުވަހު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެންމެ ބޭފުޅަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއާ ނުލައި ޓިކެޓް ކަށަވަރުވީ 13 ބޭފުޅަކަށެވެ. އެންމެ ބޭފުޅަކު ކުރިމަތިލާފައިވުމުން 13 ޓިކެޓެއް ޕްރައިމަރީއާ ނުލައި ވަނީ ކަށަވަރުވެފަ އެވެ.
ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންގެ ފޯމް ބަލައިނުގަތުމަށް މީގެކުރިން ނިންމި އެވެ. އެއީ ޕާޓީއަށް ހިދުމަތްކުރި މިންވަރު މަދުވުމާއި ޕާޓީ ބައިބައިކޮށް ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ނިންމުމާ އެކު ބައެއް ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ކަންބޮޑުވުންތަކާ އެކު އެ ނިންމުން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރަން ފުރުސަތު ދިނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް / ޕީއެންސީ ނިކުތީ ވަކީންނެވެ. ނަމަވެސް ދެވަނަ ބުރުގައި އެމްއެންޕީއާ އެމްޑީއޭގެ ތާއީދު ރައީސް މުއިއްޒަށް ދިނެވެ. ޖުމްހޫރީ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.