ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިން މައްސަލައިގައި (ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ފަރާތްތަކަށް ފުރުސަތު ނުދިނުމުން) ޕާޓީ ތެރޭގައި މައްސަލަ ބޮޑުވުމުން އެޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ފޯމުލީ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ނިންމައިފި އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި 60 ވުރެ ގިނަ މީހުންނަށް ވަނީ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ކަމުގެ ލިޔުން އިއްޔެ ހަވާލުކޮށްފަ އެވެ.

އެކި މީހުންނަށް ފޮނުވި ސިޓީގައި ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ކަމަށް ދައްކާފައި ވަނީ އެކި ބަހަނާ އެވެ. އެގޮތުން ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ވެސް ބައެއް މީހުންނަށް ފޮނުވި ސިޓީގައިވެ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޕާޓީގެ ލީޑާޝިޕަށް އަމާޒުވި އެވެ. އަދި ޕާޓީގެ އާންމު މެމްބަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުالله އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ 17 މާޗުގަ އެވެ. މި އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ތާރީހު އެކި ފަހަރުމަތިން ބަދަލުކުރަމުން ގޮސް، މިހާރު ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.