ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ލަސްވެގެން މަރުވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލު ކުރާނެ ކަމަށެވެ.
އެ މައްސަލައިގައި އިންކުއަރީއެއް ހަދަން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު އެވެ. އެ ހުށަހެޅުން ފާސްވީ އެ ހުށަހެޅުމަށް އިއުތިރާޒް ކުރާ މެމްބަރަކު ނެތުމުން ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
ޖާހު އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު ހޮޑުލާތީ އެވެ. އެ ކުއްޖާ މާލެ ގެންދެވެން ދެން އޮތީ ވެންޓިލޭޓަރުގަ އެވެ. އެ ކުއްޖާ މާލެ ގެންދިއުން ލަސްވެގެން ވިލިނގިލީ ހޮސްޕިޓަލް ކައިރީގައި މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، ހަމަ އެ ދުވަހު އިރުއޮއްސެން އުޅެނިކޮށް ކުއްޖާ މާލެ ގެންދިޔަ އެވެ. މާލެ ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މި މައްސަލައިގައި ކުއްޖާގެ މަރަށް އިހުމާލުވެފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އެމްޑީޕީން ބުނެފައި ވަނީ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރާ މައްސަލައިގައި ކަންބޮޑުވާ ކަމަށާއި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށެން ދެން އެ ވަސީލަތްތަކުގެ ހިދުމަތް ފެށުމަށް ގޮވާލައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ޝެޑިއުލް ފްލައިޓްތަކަށް ވުރެ އިސްކަމެއް ދީގެން ޗާޓަރު ފްލައިޓްތަކަށް އިސްކަމެއް ދޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
އަދި ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ރޭ ވަނީ ބުނެފަ އެވެ.
މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަކަށް ބަލި މީހުން ކުއްލި ފަރުވާ އަށް ގެނެސް ދިނުމުގައި އަމަލު ކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް ރައީސް މުއިއްޒު ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގަވައިފަ އެވެ.