ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދުގައި ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި އެކަމުގައި ޝަރުއީ ނިޒާމުން ސަމާސާ ކުރަން ނޫޅުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ޔާމީން މިނިވަން ވާނެ ކަމާ މެދުގައި ޝައްކު ވެސް ނުކުރެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. ޖަމީލް ވިދާޅުވި ގޮތުގައި އަނިޔާވެރިކަމަކީ ތާއަބަދު ދެމި އޮންނާނެ އެއްޗެއް ނޫނެވެ. އަނިޔާވެރިކަމަކީ ނިމޭނެ އެއްޗެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ޖަމީލް ވަނީ ނަމާދުގައި ސަޖިދަ އަށް ތިރިވާ ކޮންމެ ފަހަރަކު، ޔާމީން މިނިވަން ކުރުމަށާއި އަނިޔާވެރިކަމުން ސަލާމަތް ކުރުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް އެދިވަޑައިގަންނަވައިފަ އެވެ. ޔާމީނަށް އަނިޔާ ކުރާ ކޮންމެ މީހަކަށް އެކަން ދައްކަވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަނިޔާ ނިމިގެންދާނެ. މިއީ ﷲ ގެ ވައުދު، މިއީ ދީނުގައި މިކަން އޮތް ގޮތް. ތިޔަބޭފުޅުންނަށް އޮތް އުފާވެރި ހަބަރަކީ ރައީސް ޔާމީން މި މަސައްކަތުގައި އަޅުގަނޑުމެންނާ އެކީގައި އިސް ސަފުގައި ވަރުގަދަކޮށް ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެން، ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންއެފްގެ ޓިކެޓުގައި ވަޑައިގަންނަވާ ބޭފުޅުންނަކީ ޔާމީންގެ ތާއީދާއެކު، އެމަނިކުފާނު އެންޑޯޒް ކުރައްވާފައިވާ ބޭފުޅުންކަން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޔާމީންގެ ފިކުރު ފަނޑުކޮށް ނުލެވޭނެ ކަން ކުރިއަށް އޮތް ތަނުގައި ދައްކާނެ ކަމުގައި ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައްކާނަން، ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ. ޖުޑިޝަރީ އަށް މި ދަންނަވަނީ ވަރަށް ސާފު، ސަރީހަކޮށް ސަމާސާކުރަން ނޫޅޫއްވާށޭ. ކެތްތެރިކަން ވަކި ވަރަކަށޭ އޮންނާނީ. އަޅުގަނޑުމެން ތެދުވާނަމޭ، އިހުތިޖާޖް ކުރަން ޖެހިއްޖެ ނަމަ، އިހްތިޖާޖު ކުރާނަން. މަގުމައްޗަށް ވެސް ދާނަން." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވަނީ މާތް ﷲ ގެ އަޒާބަށް ސަރުކާރުން ބިރުވެތިވުމަށް ވެސް ގޮވާލައްވައިފަ އެވެ.