ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާ އިން ސިފައިން ފޮނުވަން ޖެހޭ މޭރުމަކުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކު ދެއްކެވި ވާހަކަ އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މުހުލަތެއްދީފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ސުވާމީ ވަނީ މުއިއްޒުގެ މި އެންގެވުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީގައި ތަފާލެއް ޖަހާނީތޯ ސުވާލު ކުރައްވައިފަ އެވެ. ނޫން ނަމަ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ ރާއްޖެ އަށް ސިފައިން ފޮނުވި ގޮތަށް، ވެރިކަމުން މުއިއްޒު ބާލަން އިންޑިއާގެ އެއްގަމާއި ކަނޑާއި ވައިގެ ސިފައިން ފޮނުވާނީތޯ އައްސަވައިފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަބްރަމާނިއަން ދެއްކެވި އެ ވާހަކައަކީ ދިވެހި ރައްޔިތުންނާއި އިންޑިޔާގެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.
އެމްޑީޕީން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ޒަމާނުއްސުރެ ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައި ވަނީ އިހްތިރާމާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް ކަން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އިންޑިއާގެ ދާހިލީ ސިޔާސީ ކަންކަމުގައި ރާއްޖެ ބޭނުން ނުކުރުމަށް ވެސް އެމްޑީޕީން ވަނީ އޭނާއަށް ގޮވާލާފަ އެވެ.
ރަޖީވް ގާނދީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވީ 1988 ވަނަ އަހަރު ރާއްޖެ ހިފަން އެރި ތަމަޅަ ޓެރަރިސްޓުން ބަލިކުރަން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.
ސުވާމީ 2018 ވަނަ އަހަރު ވެސް ވަނީ ރާއްޖެ ހިފައިން ގޮވާލާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައިފަ އެވެ.
ސުވާމީ އަކީ އިންޑިއާގައި ހަމައެކަނި ހިންދޫ ދީން ބޭއްވުމަށް މަސައްކަތް ކުރާ ވިރާތު ހިންދުސްތާން ސަންގަމްގެ ރައީސް އެވެ. ކުރިން ވަޒީރުކަން ވެސް ކުރައްވާފައިވާ ސުވާމީ ވަނީ ޕާލަމެންޓުގެ މެންބަރުކަން ހަ ދައުރު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ ހާވަޑް ޔުނިވާސިޓީ އިކޮނޮމިކްސް އިން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސްވާމީ އާއި ކުރީގެ ރައީސް ނަޝީދުރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާއާ ވާދަވެރި ޗައިނާއާ ގާތްގުޅުމެއް ބާއްވައި އިންޑިއާ އަށް ބަހުގެ ހަމަލާތައް ދޭން ފަށައިފަ އެވެ. ޗައިނާ ދަތުރުފުޅަށް ފަހު ރައިސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް މާޗު 15 އާ ހަމައަށް މުހުލަތު ދެއްވައިފަ އެވެ.
އޭގެ ކުރިން މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރުމުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
އިންޑިއާ އަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ތުރުކީން ކާޑުގެ ބާވަތްތައް އެތެރެކުރާނެ ކަމަށް ބުނެފަ އެވެ. އާސަންދައިން އިންޑިއާގެ ހޮސްޕިޓަލްތަކުން ބޭސްފަރުވާ ކުރުމުގެ ބަދަލުގައި ޔޫއޭއީ އާއި ތައިލެންޑަށް އެ ޚިދުމަތް ފުޅާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސުވާމީ ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތައް ވަނީ އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރިކޮށްފަ އެވެ.