ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިޔުމަށް އެދިއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން 11 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މިހާރު ފޮރިން މިނިސްޓްރީގައި 12 ވަނަ ބައްދަލުވުން މިއަދު ހެނދުނު ފަށައިގެން ކުރިއަށްދާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިއަދުގެ ބައްދަލުވުމުގައި 15 މާޗުގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލަން ހުށަހަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްރެޓަރީގެ އިތުރުން އިންޑިއާއިން ވަޑައިގެން އުޅުއްވާ އެހެނިހެން ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ ބައެއް އިސް ފަރާތްތައް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސ ވައުދެކެވެ.
ސަރުކާރުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތު ރާއްޖޭގައި އިންޑިއާގެ 88 ސިފައިން އެބަ ތިއްބެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނުސީދާ ގޮތެއްގައި އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.