ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.
މީގެއިތުރުން ކ. ކާށިދޫ އަށް 68.3 މިލިމީޓަރު، އދ. މާމިގިއްޔަށް 54.6 މިލިމީޓަރު، ގދ. ތިނަދޫ އަށް 53.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެ މާލޭގައި ފެން ބޮޑުވި އިރު، ފަހުގެ ތާރީހެއްގައި އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނީ މިދިޔަ ޑިސެމްބަރު 31، ގައެވެ. އެ ދުވަހު ހުޅުލެއަށް 179.7 މިލިމީޓަރު އަދި މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭ ވެހުނު އިރު، އެންމެ ބޮޑު ގެއްލުމެއްވެފައި ވަނީ މާލެއަށެވެ. މާލޭގެ 144 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ. އެގޮތުން މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެ އެވެ.