މިދިޔަ ޑިސެމްބަރު ގައި މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީ އަކީ 2.21 ބިލިއަން ރުފިޔާ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 ޕަސެންޓް ދަށް އަދަދެއް. އަދި، ޑިސެންބަރު 2023 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 9.4 ޕަސެންޓް އިތުރު އަދަދެއް.

މިދިޔަ އަހަރު މީރާއިން 24.7 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން މިއަދު ބުނީ މި އަދަދަކީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ 6.5 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ 23.06 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފާސްކޮށްފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި މި އަންދާޒާއަށް ގެނެވުނު އިސްލާހާއެކު މި އަދަދު 23.2 ރުފިޔާއަށް އިސްލާހުކޮށްފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ ޑިސެމްބަރު ގައި މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީ އަކީ 2.21 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 ޕަސެންޓް ދަށް އަދަދެކެވެ. އަދި، ޑިސެންބަރު 2023 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 9.4 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، ޑިސެންބަރު 2022 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ދަށްވުމެވެ.

މިދިޔަ ޑިސެންބަރު މަހުގެ ޖުމްލަ އާމްދަނީގެ ބޮޑު އިންސައްތައެއް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ހިއްސާކުރެ އެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން، 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ރޭޓު ޑިސެންބަރު 2022 ގެ ފަހުން އިތުރުކުރުމުގެ ސަބަބުން ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 57.50 މިލިއަން ޑޮލަރު، 2022 ވަނަ އަހަރު ލިބިފައިވާ ކަމަށް މީރާއިން ބުނެ އެވެ. ނަމަވެސް ޑިސެންބަރު 2023 ގައި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވުމުގެ ސަބަބުން، ޖުމުލަ ގޮތެއްގައި މީރާއަށް ބަލައިގަތް އާމްދަނީ ވަނީ ދަށްވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، ޑިސެންބަރު 2023 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޖީޖީއެސް.ޓީ އަދި ވޯކް ޕާމިޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ޑިސެންބަރު 2023 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 30.5 ޕަސެންޓް އިތުރުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ ޑިސެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 54.8 ޕަސެންޓް ނުވަތަ 1.21 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގަ އެވެ. އެއީ 17.05 ޕަސެންޓް ނުވަތަ 377.51 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 113.87 މިލިއަން ރުފިޔާ (5.14 ޕަސެންޓް)، އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި 105.91 މިލިއަން ރުފިޔާ (4.78 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.21 މިލިއަން ރުފިޔާ (4.03 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 314.23 މިލިއަން ރުފިޔާ (14.2 ޕަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 97.21 މިލިއަން ޑޮލަރު ހިމެނެ އެވެ.