ރާއްޖޭގެ "ނޮވެމްބަރު 3" އާ ގުޅުވައިގެން ހަދާ ބޮލީވުޑްގެ ފިލްމު "ދަ ބުލް" ޝޫޓިން އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނެވެ. މިފިލުމަށް ތައްޔާރުވުމަށްޓަކައި ކޮންމެ ދުވަހަކި ސަލްމާން ޖިމްގައި 3 ގަޑިއިރު ހޭދަކުރެ އެވެ.
ސަލްމާން މިފިލްމުގައި ފެނިގެންދާނީ ޕެރަޓްރޫޕާއެއްގެ ރޯލު އެވެ.
މިފިލްމަށް ތައްޔާރީތަކުގެ ތެރެއިން ހާއްސަ ޓްރެއިނިންތަކެއް ސަލްމާން މިހާރު އަންނަނީ ހަދަމުނެވެ. އަންނަ ކަމަށެވެ.
"ދަ ބުލް" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯގެ 2021 ގެ "ޝޭރުޝާ" ގެނެސްދިން ވިޝްނޫ ވަރުދާން އެވެ. މި ފިލްމު އަދި ރަސްމީކޮށް ދަރުމާ އިން އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
"ދަ ބުލް" ގައި ސަލްމާން ކުޅެނީ "ނޮވެމްބަރު 3" ގައި ރާއްޖެ އަށް އެހީވާން އިންޑިއާ އިން "އޮޕަރޭޝަން ކެކްޓްސް" ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި އިސްކޮށް އުޅުނު ބްރިޖޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓައިލަން ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ގޮވައިގެން މާލެ އަރައި ނޮވެމްބަރު 3، 1988 ގައި މާލޭގައި ހިންގި އުދުވާނީ ހަމަލާ އަކީ ރާއްޖޭގެ މި ފަހުގެ ތާރީހެއްގައި ހިނގައ ދިޔަ އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާ އެވެ. އެ އުދުވާނީގެ ހަމަލާގެ މޭސްތިރި އަކީ އުމުރަށް ޖަލަށް ލާފައި ވަނިކޮށް ދާދި ފަހުން މިނިވަންވި ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ.
ނޮވެމްބަރު 3 ގެ އުދުވާނުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެ އެވެ. އެ ދުވަހު ރާއްޖެ ހޯދި ކާމިޔާބީއާ ގުޅުވައިގެން ނޮވެމްބަރު 3 ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާއާ ގުޅުވައިގެން ސަލްމާން ކުޅޭ ފިލްމު "ދަ ބުލް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.