މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ނުހެދި ލަސްވާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ގާނޫނީ ޒިންމާ އަދާނުކުރެއްވޭކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގަވާއިދު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ މަޖިލީހުގެ ގަވާއިދު ކޮމިޓީން ބެލި މައްސަލައިގަ ކޮމިޓީންވަނީ ގަވާއިދު ހެދުމަށް މިނިސްޓަރުގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ އެ ގޮތަށް އެކި ފަހަރު މަތީން މަޖިލިސް ތަޅުމުގަ އާއި ކޮމިޓީގައި މެމްބަރުން ގަވާއިދުތައް ހެދުމަށް ދެންނެވުމުން ވަޒީރު ވިދާޅުވެފައި ވަނީ ގަވާއިދުތައް ހަދައި އޭޖީ އޮފީހުގެ ލަފަޔަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިއްޔެއާ ހަމަޔަށް ވެސް ވަޒީރު މި ގަވާއިދުތައް ގެޒެޓްގައި ޝާއިއުކޮށްފައި ނުވާކަމަށް ކޮމިޓީ ރިޕޯޓުން ފާހަގަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޤަވާއިދު ކޮމިޓީން އޮތީ ކަނޑައަޅާފަ، މިނިސްޓަރު އޮތީ ކަނޑައެޅިގެން ގާނޫނާއި ޚިލާފްވެ ވަޑައިގެންފައިކަން. މިނިސްޓަރު ކުރައްވަން ޖެހޭ ކަމެއް ކަނޑައެޅިގެން ނުކުރައްވާ ކަމަށް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ "އަޅުގަނޑުމެން މަޖިލީހުގައި މިކަމުގެ ބަހުސްކުރަން ފެށުމުން މިނިސްޓަރު ވިދާޅުވަނީ ގަވާއިދު ހަދާފައި އެޓާނީ ޖެނެރަލްގެ ލަފައަށް ފޮނުވާފައިކަމަށް. އެހެން ނަމަވެސް އިއްޔެއާ ހަމަޔަށް ވެސް މިނިސްޓަރު އެ ގަވާއިދުތައް ގެޒެޓް ކުރައްވާފައިނުވޭ" ކަމަށެވެ.
މަސްވެރިކަމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ގާނޫނު ތަސްދީގްކޮށް އަމަކުރަން ފަށަފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އެތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނުގައި ކަނޑައަޅާފައިވާ ގަވާއިދުތައް ހެދުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.
މަސްވެރިކަމުގެ ދަށުން ހަދަންޖެހޭ މިގަވާއިދު ރައީސްއޮފީހަށް މިއަދު ހެނދުނު 9.30 ހާއިރު ލިބިފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ފަހުން ވަނީ ވިދާޅުވެފަ އެވެ.