ނިއުޔޯކްގެ ޑޮކްޓަރުންތަކެއް ކާމިޔާބުކަމާއެކު މޫނާއި އަތް ފުރަތަމަ ފަހަރަށް ޓްރާންސްޕްލާންޓް ކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހުގައި ކުރި މި ސާޖަރީއަށް 23 ގަޑިއިރު ހޭދަވެފައިވާ އިރު އެކަމުގައި 140 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވެ އެވެ.
މި ސާޖަރީ ކޮށްފައިވާ ޖޯ ޑިމިއޯ އަށް ވަނީ 2018 ވަނަ އަހަރު ހިނގާދިޔަ ކާރު އެކްސިޑެންޓެއްގައި ހަށިގަނޑުގެ 80 ޕަސެންޓް ތާޑް ޑިގްރީ ބާން ވެފައިވެ އެވެ. މި ހާދިސާގައި އޭނާގެ އިނގިލިތައް ބުރިވެފައިވާއިރު ލޮލުގެ މަތީގައި ހުންނަ މަސްކޮޅާއި ތުންފަތް ވެސް ވަނީ ގެއްލިފަ އެވެ.
އޭނާ ބުނި ގޮތުގައި މި ސާޖަރީގެ ސަބަބުން އޭނާ އަށް މުޅިން އާ ދިރިއުޅުމެއް ލިބިއްޖެ އެވެ.
އެ އެކްސިޑެންޓް ހިނީ ރޭގަނޑު ޑިއުޓީ ނިންމާލުމަށް ފަހު ކާރުގައި ގެއަށް ދިޔަ މަގުމަތީގައި އޭނާ އަށް ނިދުމުން ،ކާރު ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓްވެ، މުޅި ކާރުގައި ރޯވުމުންނެވެ.
އޭނާއަށް ވަނީ ބާންސް ޔުނިޓްގައި ހަތަރު މަސްދުވަސް ވަންދެން ފަރުވާދީފަ އެވެ. އޭގެ ތެރެއިން ވެސް ގިނަ ވަގުތު އޭނާ ބާއްވާފައި އޮތީ އިންޑިއުސްޑް ކޯމާއެއްގަ އެވެ. އެއަށް ފަހު ޑިމިއޯ ވަނީ ރީސްޓްރަކްޗަރިންގެ 20 ސާޖަރީ ހަދާފަ އެވެ. ނަމަވެސް އަތާއި މޫނުގެ ބޭނުމެއް ކުރެވޭ ގޮތެއް ނުވި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އޭނާ ވަނީ ނިއުޔޯކްގައި ހުންނަ އެކެޑެމިކް މެޑިކަލް ސެންޓަރަށް ބަދަލުކޮށްފަ އެވެ. އޭނާގެ ސާޖަރީ ކޮށްފައި ވަނީ އެތަނުގަ އެވެ.
"އަހަރެމެން ބޭނުންވީ ހަމައެކަނި އޭނާގެ ސިފަ ރީތިކުރަން މި އޮޕަރޭޝަން ކުރާކަށް ނޫން. އަހަރެމެން ބޭނުންވީ އޭނާގެ އަތް ވެސް ބޭނުންކުރެވޭ ވަރު ކުރުން،" މި ޓްރާންސްޕްލާންޓް ޕްރޮގްރާމްގެ ޑިރެކްޓަރަށް ހުންނެވި އެޑުއާޑޯ ރޮޑްރިގޭޒް ވިދާޅުވި އެވެ.
މި ސާޖަރީއަށް ފަހު 45 ދުވަސް ވަންދެން ޑިމިއޯ ބާއްވާފައި އޮތީ އައިސީޔޫގަ އެވެ. އޭގެ ފަހުން ލޯ ހުޅުވުމާއި އަތުން ހަރަކާތްކުރުން ފަދަ ކަންތައް ދަސްކުރަން އޭނާ ވަނީ އިތުރު ދެ މަސް ދުވަސް ހޮސްޕިޓަލްގައި ހޭދަކޮށްފަ އެވެ.
މީގެ ކުރިން ވެސް ދުނިޔޭގައި ދެ ފޭސް ޓްރާންސްޕްލާންޓާއި ޑަބަލް ހޭންޑް ޓްރާންސްޕްލާންޓް ކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ ޓްރާންސްޕްލާންޓްތައް ވަނީ ނާކާމިޔާބުވެފަ އެވެ. އެތަނުން އެކަކު ސާޖަރީއަށް ފަހު ދިމާވި މައްސަލަތަކާ ގުޅިގެން މަރުވިއިރު ދެވަނަ މީހާގެ އަތް ޖެހުނީ އަނެއްކާ ވެސް ބުރިކޮށްލަން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ރޮޑްރިގޭޒް ވިދާޅުވިގޮތުގައި މިހާރު ވެސް ޑިމިއޯ ދުވާލަކު ފަސް ގަޑިއިރު ރިހެބްގައި ހޭދަކުރާކަމަށާއި އޭނާ އަކީ މިހާތަނަށް ބައްދަލުވި އެންމެ އުންމީދީ ޕޭޝަންޓް ކަމަށެވެ.
"އޭނާ ބޭނުންވަނީ ކުޅިވަރު ކުޅެން. ގޮލްފް ކުޅުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް. އަދި އޭނާ ބަރު އުފުލާވަރު ފެނި އަހަރެން ވެސް ހުންނަނީ ހައިރާން ވެފައި،" ރޮޑްރިގޭޒް ބުންޏެވެ.
ޑިމިއޯ ބުނި ގޮތުގައި މިހާރު އޭނާއަށް އަމިއްލައަށް ކަސްރަތުކޮށްލާ، އަމިއްލަ އަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލެވެ އެވެ.
"މިއީ ހަޔާތުގައި އެންމެ ފަހަރަކު ނޫނީ ނުލިބޭނެ ކަހަލަ ހަދިޔާއެއް. އަހަރެން އުންމީދުކުރަނީ އަހަންނަށް މޫނާއި އަތް ހަދިޔާ ކުރި މީހާގެ ކޮންމެވެސް ބައެއް އަހަރެންގެ ކިބައިން ފެންނަން ހުރުމުގެ އޭނާގެ އާއިލާ އެކަމާ އުފާކުރާނެ ކަމަށް. އަހަރެންނާއި އަހަރެންގެ މައިންބަފައިން މިކަމާ ވަރަށް ޝުކުރުވެރިވަން،" ޑިމިއޯ ބުންޏެވެ. --ބީބިސީ