ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން މެމްބަރުން އެދިވަޑައިގެންފި ނަމަ، އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 19 ގަ އެވެ. އެ މައްސަލަ މަޖިލިހުގައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެ މައްސަލައިގައި މަޖިލިހުން ގޮތެއް ނިންމާ މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާތީ ބައެއް މީހުންގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް، މެމްބަރުން އެދިވަޑައިގަންނަވާނަމަ ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރު ޖަލްސާއެއް ބޭއްވިދާނެ ކަމަށެވެ.
"ސަރުކާރުން ހުށަހަޅުއްވާފައިވާ މުހިންމު މައްސަލައެއް ކަމަށްވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ މަސައްކަތް މިވަނީ ނުނިމި. މި މައްސަލައިގެ ރިޕޯޓް ކޮމިޓީން ނިންމަވައި ކޮމިޓީން ފޮނުވުމުން މެންބަރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވައިދުގެ މަތީން އެދިވަޑައިގެންފިނަމަ އެ ޖަލްސާއަކަށް އެ ރިޕޯޓް އެޖެންޑާކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް މަސައްކަތް ކުރާނެ ވާހަކަވެސް ދަންނަވަން." އަސްލަމް ވިދާޅުވި އެވެ.
ވަޒީރުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފުރަތަމަ ނިންމާފައި ވަނީ ހުރިހާ ބޭފުޅުންގެ ވެސް ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށެވެ. އެކަމަކު، އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ކޮންމެ ބޭފުޅަަކަށް ވަކިވަކިން ވޯޓަށް އަހަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ކޮމިޓީގެ ރިޕޯޓު މިދިޔަ ހަފްތާގައި މަޖިލިހަށް ހުށަހެޅި ނަމަވެސް މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވާތީ ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ. އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލި ފަހުން، ރައީސް އޮފީހުން ވަނީ މެންޑޭޓް ފާސް ކުރުމަށް މަޖިލިހަށް ފޮނުވައިފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމި އެވެ. އެކަމަކު، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުން ބޭއްވޭ ގޮތެއް ނުވި އެވެ.
މިނިސްޓަރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތް އިރު މަޖިލިހުން އެންމެ ފަހުން ނިންމާފައި އޮތީ މިއަދުގެ ނިޔަލަށް މަޖިލިހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ދަންމާލުމަށެވެ. މަޖިލިހުގެ މެމްބަރުން މާދަމާ އިން ފެށިގެން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާ އިރު، ޖަލްސާތައް ދެން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.
އެކަމަކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ނަމަ، ވަކި އަދަދަކަށް މެމްބަރުންގެ ސޮއި ހުށަހަޅުއްވައިގެން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިދާނެ އެވެ.