ފޯނަކީ އެއާ ނުލައި ނޫޅެވޭ ވަރުގެ އެއްޗަކަށް ވެފައިވާ އިރު ފޯނުން ލިބޭ ފަސޭހަތަކަށް ވުރެ އޭގެން ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ. ބޭނުން ކުރަންވާ ގޮތަށް ބޭނުން ނުކޮށްފިނަމަ އެއިން ކެހި ލިބުން ގާތެވެ. މި ލިޔުމުގައި މި ބަލާލަނީ ފޯނު ބޭއްވުން ރަނގަޅު ނޫން ބައެއް ތަންތަނަށެވެ.
ޖީބު
ޖީންސް ނުވަތަ ފަޓުލޫނު ނޫނީ ހަރުވާޅު ޖީބަށް ވަރަށް އާންމުކޮށް ފޯނު ލެވެ އެވެ. ބަނޑުގައި ނުވަތަ ފައިގައި އާންމުކޮށް ރިއްސާނަމަ އެއީ މި ސަބަބާ ހުރެ ކަމަށްވުން އެކަށީގެންވެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ފޯނު ޖީބަށް ލާފައި ގިނަ އިރު ބޭއްވުމަކީ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ހުރި ކަމެކެވެ. ރޭޑިއޭޝަންގެ އަސަރު ސީދާ ހަށިގަނޑު ތެރެއަށް ކުރާނެ ކަމެކެވެ.
ބާލީސް ދަށް
ބާލީސް ދަށަށް ފޯނު ލައިގެން ނިދުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިއީ ވަރަށް ގެއްލުން ހުރި ކަމަކެވެ. ޗާޖަށް ޖަހާފައި ފޯނު މިގޮތަށް ބޭއްވުމުން ފޯނު ހޫނުވެ ބައެއް ފަހަރު ފޯނު ގޮވާ ތަންވެސް އާދެ އެވެ. އަދި މީގެ އިތުރުން ފޯނުގެ ސްކްރީނުން އަންނަ ނޫކުލައިގެ އައްޔަކީ މެލޮޓޮނިން އަށް އަސަރުކޮށް ހަމަ ނިދި ނިދުމަށް އުނދަގޫ ކުރުވާ ކަމެކެވެ. މީގެ ސަބަބުން ހެނދުނު ހޭލާއިރު ބޯ އަނބުރާ ގޮތް ދިމާވެއެވެ. އެހެންކަމުން ނިދާއިރު ފޯނު އެނދާ ދުރުގައި ބާއްވާފައި ހަމަ ޖެހިލައިގެން ނިދާލުން ބުއްދިވެރި އެވެ.
މޫނު ކައިރި
ފޯނުގައި މޫނު ނުޖައްސައި ފޯނުން ވާހަކަދެއްކުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު ފޯނަކީ ގިނަ ފަހަރު މާހައުލު ތެރެއަށް ހުޅުވިފައި ހުންނަ އެއްޗެއް ކަމުން މޫނުގައި ފޯނު ޖެހޭ ކޮންމެ ފަހަރަކު އޭގައި ހުންނަ ބެކްޓީރިއާއިން މޫނުން ބިހިނެގުމާއި، އެކި ކަހަލަ އިންފެކްޝަން ޖެހުމާއި، އަދި ތަފާތު އެކި އުނދަގޫތައް އުފައްދަ އެވެ. އަބަދު ފޯނުގައި ހުރުމުން ހަންގަނޑު އަވަހަށް މުސްކުޅިވާގޮތް ވެސް ދިމާވާނެ އެވެ. މިކަންކަމުން ރައްކާތެރިވުމަށް ހެޑްސެޓް ބޭނުން ކުރުމުން ފޯނު ސީދާ މޫނުގައި ނުޖެހި ސަލާމަތް ކުރެވޭނެ އެވެ.
ފާހާނާ
ފާހާނާ އަކީ ހުރިހާ ބާވަތެއްގެ ބެކްޓީރިއާ އެންމެ ގިނަ އެއްތަނެވެ. އެހެން ކަމުން ފާހަނާ ކުރާއިރު އަދި އެކި ކަންކަމަށް ފާހަނާއަށް ވަދެ ނިކުމެ ހަދާއިރު ފޯނަށް ބެކްޓީރިއާގެ އަސަރު ކުރެ އެވެ. އަދި މީގެ ސަބަބުން ދެން ފޯނު ބޭނުންކުރާއި އެ ބެކްޓީރިއާތައް ހަށިގަނޑަށް ނުވަތަ ހަންގަނޑަށް ފެތުރިގެންދެއެ ވެ.
ކާރުގެ ކޮންޕާޓްމެންޓް
ކާރުގައި ދަތުރު ކުރާއިރު އޭގައި ހުންނަ ކޮންޕާޓްމެންޓްގައި ފޯނު ބާއްވާނަމަ ފޯނު ހޫނުވާން މެދުވެރިވެ އެވެ. އަދި ބައެއްފަހަރު މި ކޮންޕާޓްމަންޓަކީ ސީދާ އަވި ފޯރާ ތަނެއްނަމަ ފޯނަށް އޭގެ ހޫނު ވުމުގެ ސަބަބުން އޭގެ ބެޓެރި ގޮވައި ނުވަތަ އޭގެން ކެމިކަލް ބޭރުވެ އެވެ. ދެން ފޯނު ނަގާއިރު ނުވަތަ ބޭނުން ކުރާއިރު އޭގެން ނުކުންނަ ރޭޑިއޭޝަން ކުރިއަށް ވުރެ އިތުރުވެ ސިއްހަތަށް ނުރައްކާވެ އެވެ.