ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ސާވިސް ޗާޖްގެ މައްސަލާގައި 2011 ވަނަ އަހަރު މުވައްޒަފުންތަކެއް ނިކުމެ ކުރި ހަޅުތާލާ ގުޅިގެން، ސާވިސް ޗާޖުން އުނިކުރި 100 ވަރަކަށް ޑޮލަރު އަލުން ހޯދިޔަސް، ގާނޫނަކުން ލިބޭ ހައްގެއް ބޭނުން ކުރި އެ މުވައްޒަފުންނަށް ދެން ކުރިމަތިވީ މާ ބޮޑު ކަމެކެވެ. ރިސޯޓުގެ ވިލާތަކެއް ވަގުތީ ގޮތުން ބަންދު ކުރަން ޖެހޭތީ އޮކިއުޕެންސީ ދަށްވަނީ ކަމަށް ބުނެ ރިޑަންޑަންސީގެ ދަށުން ކަމަށް ބުނެ ކުއްލި ގޮތަކަށް އޭގެ ތެރެއިން 30 ވަރަކަށް މީހުން ވަކިކުރީ އެވެ.
އިންސާފު ހޯދަން އޭގެ ތެރެއިން 22 މީހަކު ނިކުމެ އެކި ކޯޓުތަކުގައި މައްސަލަ ތަޅުވަމުން ގޮސް، އިއްޔެ ސުޕްރީމް ކޯޓުން އެ މައްސަލާގައި ކުރި ހުކުމަކީ ނުވަ އަހަރު ވަންދެން އިންސާފު ހޯދަން މަސައްކަތްކުރި މީހުންގެ މޫނުމަތީގައި ޖެހި ވަރުގަދަ އެތިފަހަރެއް ކަމަށް އެއް ބަޔަކު ދެކެ އެވެ. ސުޕްރީމް ކޯޓުން ނިންމީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިޔަސް، އަލުން ވަޒީފާއެއް ނުވަތަ ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ. އެ މީހުންނަށް އަލުން ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރީ އެވެ.
މި ހުކުމާ އެކު، ޓްވިޓާގައި ބައެއް ގިނަ މީހުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލީ މަސައްކަތްތެރިންނަށް އިންސާފު ނުލިބޭނެ ކަން ޔަގީންވީ ކަމަށް ބުނަމުންނެވެ. ކޯޓުތަކުން އިންސާފު ލިބޭނީ މަހުޖަނުންނާއި ސިޔާސީ މީހުންނަށް އެކަނި ކަމަށް ބުނަމުންނެވެ.
"ސަދޫމްގަ ލިބޭ މިންވަރަށް ވެސް މި ރާއްޖޭގައި އާދައިގެ މީހުންނަށް އިންސާފު ނުލިބޭނެ ކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވެގެން ހިނގައްޖެ،" ޓޫރިޒަމްގެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޓީމް ޖަމްއިއްޔާގެ ރައީސް މައުރޫފް ޒާކިރު ކުރި ޓްވީޓެއްގައިވެ އެވެ.
ރިޑަންޑަންސީގެ ދަށުން ކަމަށް ބުނެ ކޮންރެންޑުން އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ގަބޫލުކޮށް އަދި ކޮންރެޑުން އަމަލުކުރީ ތެދު ނިޔަތެއް ނެތި ކަމަށް ހުކުމުގައި ބުނެފައި އޮތެވެ. އެހެން ނަމަވެސް ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ސަބަބެއްގެ ގޮތުގައި އެ ކޯޓުން ދެއްކީ އެ މީހުން ވަކިކުރި ފަހުން ނުވަ އަހަރު ފާއިތުވެފައި އޮތުމުންނެވެ. އެ މައްސަލަ އެ މީހުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅީ ވަކިކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް، 2011 ވަނަ އަހަރު އެވެ. ޓްރައިބިއުނަލުން އެ މީހުންނާ އެއްކޮޅަށް މައްސަލަ ނިމުނީ 2012 ގަ އެވެ. ހައި ކޯޓުން ކޮންރެޑާ އެއްކޮޅަށް 2013 ވަނަ އަހަރު މައްސަލަ ނިންމި އެވެ. ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރުކުރީ 2015 ވަނަ އަހަރު އެވެ. ހައި ކޯޓުން ދެވަނަ ފަހަރަށް އެ މައްސަލަ ބެލުމަށް ފަހު މުވައްޒަފުންނަށް އަލުން ވަޒީފާދޭން ހުކުމްކުރީ 2017 ވަނަ އަހަރު އެވެ. ސުޕްރީމް ކޯޓުގައި ކްރައުން ކޮމްޕެނީން އެ މައްސަލަ އިސްތިއުނާފް ކުރީ 2018 ވަނަ އަހަރު އެވެ.
މިހާ ދުވަސް ވަންދެން އެއް ކޯޓުން އަނެއް ކޯޓަށް "ބޯޅަ ޖެހުމުގައި" މައްސަލަ ލަސްވެގެން ދިޔައީ ވަޒީފާ ގެއްލުނު 22 މީހުންގެ ކުށަކުން ނޫނެވެ. ވަކިކުރި ދުވަހުން ފެށިގެން ހައްގު ހޯދަން އެ މީހުން ތިބީ ނިކުމެ އެވެ.
"ގިނަ ދުވަސްވެފައޭ ކިޔާފައި ހުކުމް ކުރުން މިއީ ބޮޑު ޖޯކެއް ނޫންބާ؟. މައްސަލަ ދިގުލައިގެން ދިއުމަކީ ނިކަމެތި ރައްޔިތު މީހާ ނަގަންޖެހޭ ޒިންމާއެއްބާ؟." އެކަކު ޓްވިޓާގައި ސުވާލުކުރި އެވެ.
ވަޒީފާ އަނބުރާ ދޭންނުޖެހޭ ދެވަނަ ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ދެއްކީ އިތުބާރު ގެއްލިފައި އޮތުމެވެ. އެއީ އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް ބަޔަކު ދޯންޏެއްގައި ގޮސް އެ ރިސޯޓް ފަޅުގައި ތިބެގެން މުޒާހަރާ ކުރި ކަމަށާއި އަދި ސިއްރު ލިޔުންތަކެއް އެ މީހުން ހާމަ ކުރި ކަމަށާއި އަދި އެ ކުންފުނީގެ ޑިރެކްޓަރުންނާ ޒާތީ ގޮތުން ޖައްސާލައިގެން އެ މީހުން އުޅުނު ކަމަށް ކްރައުން ކޮމްޕެނީން ތުހުމަތު ކުރާތީ އެވެ. އެކަމަކު އެ 22 މީހުން އެއިން ކަމެއްގައި ބައިވެރިވި ކަމުގެ ހެއްކެއް ހުރި ކަމަކަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިއްވެވި އެ ހުކުމުގައި ވެސް ބުނެފައެއް ނުވެ އެވެ.
ތުހުމަތެއް ބަޔަކު ކުރުމަކީ އިތުބާރު ގެއްލެންޖެހޭ ސަބަބެއް ނޫނެވެ. އަނެއްކޮޅުން، ބޮޑެތި ތުހުމަތުތަކުގައި ސިފައިންނާއި ފުލުހުންގެ ވަޒީފާތަކުގެ ވަކިކުރި ބޭފުޅުންނަށް މި ސަރުކާރުގައި ކޯޓުތަކުން އަލުން ވަޒީފާދޭން އަމުރު ކުރީ ވެސް އިތުބާރު ގެއްލިފައިވޭތޯ ނުވަތަ ނޫންތޯ ނުބަލަ އެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ މުއައްސަސާތަކުގެ އިސް ބޭފުޅުންނަށް ވަޒީފާ ދިނުމުގައި އިތުބާރަށް ނުބަލާއިރު، އާދައިގެ ރައްޔިތުންގެ ވަޒީފާއަކާ ޖެހުމުން އިތުބާރުގެ މުހިންމު ކަމުގެ ވާހަކަ ދައްކަންވީ ގޮތެއް ގިނަ ބަޔަކަށް ބަލައެއް ނުގަނެވުނެވެ.
އެކަށީގެންވާ ބަދަލެއް އެ މީހުންނަށް ހައްގުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، އިތުރު އެއްޗެއް އެ މީހުންނަކަށް ނުލިބުނެވެ. ސުޕްރީމް ކޯޓުން ނިންމީ އެ މީހުން ވަކި ކުރިއިރު ނޯޓިސްގެ އެލަވަންސާއި ރިޑަންޑަންސީގެ އެލަވަންސެއް ދީފައިވާތީ އިތުރު ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ. ވަކިކުރިއިރު އެކި މީހުންނަށް އެލަވަންސް ދިނީ އެކި މިންވަރަށެވެ. އެންމެ ގިނައިން ލިބުނު މީހާއަށް ލިބުނީ 51،000ރ. އެވެ. އެއީ ނުވަ އަހަރު ވަންދެން އިންސާފު ހޯދަން ކުރި މަސައްކަތާ ބަލާއިރު އެކަށީގެންވާ ބަދަލެއްތޯ އެއް ބަޔަކު ސުވާލު އުފައްދަ އެވެ.
"މަސައްކަތްތެރިންނަށް އިންސާފު ބަންދުވި ކަމުގެ ސިއްކަ ޖެހި ދުވަސް މިއަދަކީ. ނުހައްގުން ކަނޑާލި އެތައް މުވައްޒަފުންނެއް ސުޕްރީމް ކޯޓުން މިއަދު މަގުމަތި ކޮށްލައިފި." މީހަކު ޓްވިޓާގައި ޚިޔާލު ފާޅުކުރި އެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ ވަކި ކުރުމުން އިތުރު ގެއްލުމެއް ލިބިފައިވާ ނަމަ، އެކަމަށް ވަކިން ދައުވާ ކުރެވިދާނެ ކަމަށެވެ. އިތުރު ދައުވާއެއް ކުރިޔަސް، އެކަށީގެންވާ ބަދަލެއް ލިބޭނެތޯ އާއި އެކަމަށް ކިތައް އަހަރު ނަގާނެތޯ އެއް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ.
"ބަދަލު ހޯދަން އަނެއްކާ ދައުވާ ކުރީމަ އިތުރު ނުވަ އަހަރު. އޭރުން ވެސް ބުނާނީ ވަކިކުރި ދުވަހު ބަދަލު ލިބުނޭ އިތުރު އެއްޗެއް ދޭކަށް ނުޖެހޭނެއޭ. މިއީ ވެސް އިންސާފު؟." އެހެން މީހަކު ސޯޝަލް މީޑިއާގައި ސުވާލުކުރި އެވެ.
އެ ހުކުމާ ގުޅިގެން، ޓީމް އިން ބުނީ އެ ހުކުމަކީ ނުހައްގުން މީހުން ވަކިކުރަން ސުޕްރީމް ކޯޓުން ދިން ލައިސަންސެއް ކަމަށެވެ.
މިކަމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހެނީ ހަމަ މާއްޓޭ
ޓީމް ތީ މުޅި އިންޑަސްޓޮރީ ހަލާކު. ދިވެހި މުޒަފުން ހައްދާގެން ޖިޒީ ދައްކުވާގެން މައުރޫފްމެންގެ އަގުބޮޑު ދިރިއުޅުމަށް ހަރަދުކުރަން ހަދާފަ އޮތް ޖަމިއޔާއެއް.