ކޮންމެ މީހަކު ވެސް މީރު ވަހާއި ރީތި އެއްޗެއްސަށް ލޯބި ކުރާނެ އެވެ. އަދި ތިމާ ދިރިއުޅޭ ތަނަކީ ވެސް ރީތި އަދި މީރު ވަސް ދުވާ ތަނެއް ގޮތުގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން ގިނަ ބަޔަކު މީރު ވަސް ދުވުމަށް ބޭނުން ކުރަމުން އަންނަނީ އެއާ ފްރެޝްނާ އާއި ސެންޓެޑް ކެންޑްލްސް ފަދަ ތަކެއްޗެވެ.
މި ތަކެތީގައި މީރު ވަސް ދުވި ނަމަވެސް މި ތަކެއްޗަކީ ހަރަދު ބޮޑު އެއްޗިއްސެވެ. އަދި މިތަކެތީގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބެ އެވެ.
ތިމާ ދިރިއުޅޭ ތަނުގައި ހަރަދު ކުޑަ އަދި ހަށިގަނޑަށް ވެސް ގެއްލުން ނުލިބޭނެހެން ތިމާ ދިރިއުޅޭ ތަނުގައި މީރު ވަސް ދުވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
އެގޮތުން މުޅި ގޭގެ ތެރޭގައި މީރު ވަސް ދުވަން ބޭނުންވާ ނަމަ ވަރަށް ހަރަދުކުޑަ ގޮތެއްގައި މީރު ވަސް ދުވާލެވިދާނެ އެވެ. މިގޮތަކީ ހަރަދު ކުޑަ ތިމާގެ ހަށިގަނޑަށް ވެސް ގެއްލުން ނުލިބޭނެ ގޮތެކެވެ. ފުރަތަމަ ހަދަން ޖެހޭނެ ގޮތަކީ ކުޑަ ތެއްޔަކަށް ފެންތައްޓެއް އެޅުމަށް ފަހު މަޑުގިނީގައި ކައްކަން އުދާށެވެ.
އެއަށްފަހު އޭގެ ތެރެއަށް ލުނބޮއެއް ތުނިކޮށް ކޮށާލުމަށް ފަހު އަޅާށެވެ. އަދި އެއާއެކު ކުޑަ ރޯޒްމެރީ ފަތްކޮޅެއް އަޅާށެވެ. ލުނބޮ އާއި ރޯޒްމެރީ ފަތްކޮޅު އެޅުމަށްފަހު އޭގެ ތެރެއަށް އެއް ސައިސަމްސާ ވެނީލާ އެސެންސް އަޅާލުމަށް ފަހު މަޑުގިނީގައި ކައްކާށެވެ. މީގެ ސަބަބުން ގޭތެރޭގައި ވަރަށް މީރު ވަސް ދުވާނެކަން ޔަގީނެވެ.
ބައެއް ފަހަރަށް ގޭތެރޭގައި ހުންނަ ބައެއް ތަކެތީގެ ސަބަބުން ވެސް ނުބައި ވަސް ގޭތެރޭގައި ހުންނަ ގޮތްވެ އެވެ. އެގޮތުން އައިސް އަލަމާރީގެ ސަބަބުން ގޭގައި ނުބައި ވަސް ދުވަން މެދުވެރިވެ އެވެ.
އައިސްއަލަމާރީގައި ދުވާ ނުބައި ވަސް ހައްލުކުރުމަށް ވަރަށް ފަސޭހަ ގޮތެއް އެބަ އޮތެވެ. މިކަން ހައްލުކޮއްލަން ބޭނުންވަނީ ބޭކިން ސޯޑާއާއި ކުޑަ ހުސް ބިއްލޫރި ފުޅިއެކެވެ. ބިއްލޫރި ފުޅީގެ މެދާހަމައަށް ބޭކިން ސޯޑާ އެޅުމަށްފަހު ފުޅީގެ މަތި ޖަހާލާށެވެ. އަދި މަތިގަނޑުގައި ކުޑަ ތަންކޮޅެއް ތޮރުފާލުމަށް ފަހު އައިސް އަލަމާރިއަށް ލާފައި ބަހައްޓާށެވެ. އައިސްއަލަމާރީގައި ދުވާ ނުބައި ވަސް ކެނޑިގެންދާނެ އެވެ.
މިފުޅި ހަތަރު ނުވަތަ ތިން މަސް ވަންދެން ވެސް މިފުޅި އައިސް އަލަމާރީގައި ބެހެއްޓިދާނެ އެވެ.
ތިމާ އަންނައުނު ރައްކާކުރާ އަލަމާރިއަކީ ވެސް ބައެއް ފަހަރު ނުބައި ވަސް ހިފާ ތަނެކެވެ. އެގޮތުން އެކަން ހައްލު ކުރުމަށްޓަކައި މިގޮތް އަޒުމަ ބަލާލާށެވެ.
އަންނައުނު އަޅާ އަލަމާރީގައި މީރު ވަސް ދުއްވަން ކުރަންވީ ކަމަކީ ކުޑަ ޕޮޕްސިކްލް ސްޓިކްއަކާއި އެސެންޝިއަލް އޮއިލް ފުޅިއެއް ހޯދާށެވެ. ބޭނުންނަމަ ސެންޓު ފުޅިއެއް ވެސް ބޭނުންކުރެވިދާނެ އެވެ.
ޕޮޕްސިކްލް ސްޓިކްގައި އެސެންޝިއަލް އޮއިލް ކޮޅެއް އުނގުޅާލުމަށް ފަހު ޕޮޕްސިކްލް ސްޓިކް އަލަމާރީގެ ކޮންމެ ވެސް ހިސާބެއްގައި ބާއްވާށެވެ. ހަމަ ޔަގީނުން ވެސް އަލަމާރި ހުޅުވާއިރު ވަރަށް މީރު ވަސް ދުވާނެ އެވެ. އަދި އެހާމެ ހިތްހަމަޖެހޭނެ އެވެ.
އަގުހުރި މަޢުލޫމާތުކޮޅެއް