ރާއްޖޭގައި މަސްވެރިކަން އިޝްތިހާރު ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، އެ ކުންފުނިން މަސްވެރިކަމުގެ އުފެއްދުންތައް ކަމަށްވާ އެކުއަކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުގެ ވަސީލަތްތައް އިޝްތިހާރު ކުރާނެ ކަމަށެވެ.
މި ކުންފުނި އުފައްދަން ނިންމާފައި ވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގަ އެވެ. މިއީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ މެރިކަލްޗާ އާއި އެކުއަކަލްޗާ ފަދަ ކަނޑުގެ ވަސީލަތްތައް އިތުރު ކުރުމަށް ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށް، ޕްރީމިއަމް ޕްރޮޑަކްޓެއް ގޮތުގައި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ ކަމަށެވެ.
އެ ކުންފުނި އުފައްދަން ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ ފިޝަރީޒް ޕްރޮމޯޝަން ބޯޑުންނެވެ. އާ ކުންފުނި އުފެއްދުމާ އެކު، އެ ބޯޑު އުވިގެންދާނެ ކަމުގައި ޝަހީބު ވިދާޅުވި އެވެ.