ސްރީދޭވީއާއި ބޮނީ ކަޕޫރުގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު މިވަނީ ދާދި ފަހުން ނެރުނު ޒޯޔާ އަޚްތަރުގެ "ދަ އާޗީސް"އިން އެކްޓިންގެ ދާއިރާއަށް ތައާރަފްވެފަ އެވެ.

އެ ދާއިރާގައި އޭނާގެ ދައްތަ ޖާންވީ ކަޕޫރު މިހާރު ވެސް ހަރަކާތްތެރިވާއިރު ޖާންވީ އޭނާގެ ކޮއްކޮއަށް ދޭން އޮތީ އެންމެ ނަސޭހަތެކެވެ.

ޖާންވީ ބުނީ މި ދާއިރާގައި އުޅޭއިރު މީހުންގެ ނަފްރަތާއި ފާޑުކިޔުން އަމާޒުވާނެ ކަމަށާއި އެކަމަށް ތައްޔާރު ވެގެން ހުންނަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި އަމިއްލަ ނަފްސުގެ ތަރައްގީ ގެއްލުވާނުލުމަށް ޖާންވީ ޚުޝީއަށް ނަސޭހަތްތެރިވި އެވެ.

ބޮލީވުޑަށް ޖާންވީ ނުކުތްއިރު އެ ނަސޭހަތް އޭނާއަށް ދޭނެ މީހަކު ހުރިނަމައޭ ހިތަށް އަރާ ކަމަށާއި އެހެން ކަމުން ކޮއްކޮއަށް ދާއިރާގައި ހިނގަންވީ މަގު ދައްކައިދޭނެ ކަމަށް ވެސް ޖާންވީ ބުންޏެވެ.

ޖާންވީ އިތުރަށް ބުނީ ޚުޝީއަކީ އޭނާއަށްވުރެ މާ ވިސްނޭ މީހެއް ކަމަށެވެ. އޭނާ ބޮލީވުޑަށް ނުކުތްއިރު ގިނަ ގޮންޖެހުންތަކެއް ހްރިކަން ފާހަގަކުރަމުން ބުނީ އެ ވަގުތު އޭނާގެ މަންމަގެ ފަރާތުން ބޭނުންވި ހިިތްވަރުން ކުއްލިއަކަށް މަހްރޫމްވި ކަމަށެވެ.

ޖާންވީގެ އެންމެ ފުރަތަމަ ފިލްމު "ދަޑަކް" 2018ގައި ނުކުތްއިރު އޭގެ ފަސް މަސް ކުރިން އޭނާގެ މަންމަ ސްރީދޭވީ ވަނީ ދުބާއީގައި މަރުވެފަ އެވެ.