މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި، އެކަމުގެ ތުހުމަތުކުރެވޭ އަލީ ސާހިލް ޝަރީއަތުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް އިތުރަށް ވަކީލުން ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި މިދިޔަ އަހަރުގެ އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ސާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ. މި މައްސަލައިގައި ސާހިލް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު، އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސާހިލް މިއަދު ވެސް ކޯޓުގައި ވާހަކަ ދައްކާފައި ނުވާ ކަމަށާއި އޭނާގެ ކިބައިގައި ދައުވާ އަށް ޖަވާބުދާރީ ނުވެވޭނެ ފަދަ ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ނުބެލެވޭ ކަމަށެވެ.

ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިނުމުން ވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން އޭނާ އަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރުމަށް ފަހު، މައްސަލައިގެ ލިޔުންތައް ކޯޓުގައި ހުރެގެން ބެލޭނެ އިންތިޒާމު ސާހިލް އަށް އޮންނާނެ ކަން އޭނާ އަށް އަންގާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

އެހެންވެ ދެން އޮންނަ އަޑުއެހުމުގައި އެ މައްސަލައިގައި ދިފާއުވުމަށް ސާހިލަށް ފުރުސަތު ލިބޭނެ އެވެ.