ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލުހުންނާއި ސިފައިންގެ ފްލެޓުތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ވެރިކަމުގެ ހަތަރު ހަފްތާގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯނު އަނބުރާ ދެއްކުން އެއް އަހަރުގެ ގްރޭސް ޕީރިއަޑަށް އިންޓްރަސްޓް ނުހިނގާ ގޮތަށް ފަސްކޮށް ރީ ސްޓަކްޗާކުރުމަށް ނިންމަވާ އެކަން މާލީ ވުޒާރާއަށް އަންގަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ އެ ވައުދާއި އެއްގޮތަށް އެ ޓްރެޝަރީ ލޯނު ރީ ސްޓަކްޗާކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރަމުން ގެންދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ލިބުނު ފަރާތްތަކުން އިންޓްރަސްޓް ނުހިނގާ ގޮތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ސެޕްޓެމްބަރު 2013 ގައި ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އާއި މަޝްރޫއު ލަސްވާތީ އެ މަޝްރޫއު ދެން ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނި ބަނގުރޫޓުވެގެން އެއްބަސްވުން ބާތިލްކޮށް، ކުރީގެ ސަރުކާރުން ފުލުހުންގެ ފްލެޓްގެ މަޝްރޫއު ދެން ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އަދި ސިފައިންގެ ފްލެޓުތައް ނިންމަން ދިނީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.
އޭގެ ތެރެއިން މިހާރު މަސައްކަތް ނިންމާއި ވަދެވޭ ވަރުވީ ސިފައިންގެ ފްލެޓުތަކަށް އެކަންޏެވެ. ނަމަވެސް ފުލުހުންގެ ފްލެޓުތަކުގައި އަދިވެސް ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. އެ މަސައްކަތްތައް ނިމޭ ވަރަކުން އަންނަނީ ތަޅުދަނޑު ހަވާލު ކުރަމުންނެވެ.
އެކަމަކް ކުއެޔަ ދީފަ ތިބިމީހުން އަތުން 25000 27000 ރުފިޔާ ކުލިނަގާ