ރާއްޖެ އިން ބޭރުގެ ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވަން ނިންމަވައި އެ ބޭފުޅުންނަށް ރުހުން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ތިން ބޭފުޅުންނަށް ރުހުން ހޯދަން ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
އެއީ އެމްބެސެޑަ އެޓް ލާޖް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރުމާއި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ކުރީގެ ހެލްތު އަދި ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް އައްޔަން ކުރުމަށާއި ރާއްޖެއިން އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ފޮރިން މިނިސްޓްރީގެ އެބަސަޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ އެވެ.
މި ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިހާރު ވަނީ ފޮނުވައިފަ އެވެ. މުންދު އާއި އިރުތިޝާމް އަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނީ، ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމުންނެވެ.
މުންދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނު ކަމުގެ މަގާމުގައި އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. ޔާމީންގެ ސަރުކާރުގައި ސްރީލަންކާ އާއި ޖަޕާންގައި ހުންނަވާ ދިވެހި ސަފީރު ކަން ވެސް އޭނާ ކުރެއްވި އެވެ.
އިރުތިޝާމް ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރު ކަން ކުރެއްވީ ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަން އޭނާ ކުރެއްވެވި އެވެ. އިރުތިޝާމް ވަނީ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާ އަށް ވެސް ވާދަކުރައްވައިފަ އެވެ. އެކަމަކު، އިންތިހާބު އޭނާ އަށް ކާމިޔާބެއް ނުކުރެއްވުނެވެ. އިރުތިޝާމް، ރައީސް މުއިއްޒަށް ތާއީދު ކުރެއްވެވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހިސާބުންނެވެ.
ރާއްޖޭގެ ހާރިޖީ ދާއިރާ އާ 1985 ވަނަ އަހަރު ގުޅިވަޑައިގެންނެވި އަލީ ނަސީރު ވަނީ ފޮރިން މިނިސްޓްރީގައި އެކިއެކި މަގާމުތައް ފުރުއްވައިފަ އެވެ. އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވަސިޓީން ޕީއެޗްޑީ އަދި އިނގިރޭސި ވިލާތުގެ ލެސްޓާ ޔުނިވާސީޓީން މާސްޓާސް ހާސިލް ކުރެއްވެވި އަލީ ނަސީރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އދ.ގެ ސަފީރުކަމުގެ މަގާމު ފުރުއްވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ މަލްޓިލެޓްރަލް ސެކެޓްރީގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.