މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް މިއަދު ދީފި އެވެ.
އެމްއޭސީއެލް މެރިޓް އެވޯޑަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑާ އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑާޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާ ގެ އެލަވެންސެއް އެއްއަހަރު ދުވަހަށް ދޭނެ އެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިކަމަށްޓަކައި މިއަދު ސީއެޗްއެސްއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސީއެޗްއެސްއީގެ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މިއަހަރު އެވޯޑު ހާސިލްކުރި ހަތަރު ދަރިވަރުންނަކީ:
1.އިބްރާހިމް ރިފާއު
2.ހަސަން ލާޔާން މުހައްމަދު
3.އަފާފް އަހުމަދު މުސްތަފާ
4.އައިޝަތު އީޝަލް އަހުމަދު އަސްލަމް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއެވޯޑަކީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ކުންފުނިން ކުރާހޭދައެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގައި އާ ހިއްވަރެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެއާޕޯޓުގައި މިވަގުތު ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުތަކާ އެކު އެކަމަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށާއި ކުރިމަގުގައި ސީއެޗްއެސްއީ ނިންމާ ދަރިވަރުން އެ ވަޒީފާތަކަށް ކުރިމަތިލާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކުންފުނީގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކުރެވޭ އިންޓަންޝިޕް ޕްރޮގްރާމެއް ތައާރަފްކުރެވި އެ ފުރުސަތު ހުޅުވާލާނެކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ، މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ކުންފުންޏަކުން އިސްނަގައިގެން އެފަދަ އެވޯޑެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. މިފަދަ އެވޯޑެއް ސުކޫލަށް ތައާރަފްވެގެން ދިއުމުން މިއަދު އެވޯޑު ހާސިލްކުރި ކުދިންގެ އިތުރުން ދެން ތިބި ދަރިވަރުންނަށް ވެސް ކިޔެވުމާއިގެން ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިގެން ދާނެކަމަށް ސަފޫރާ ފާހަގަކުރެއްވިއެވެ. އަދި އެމްއޭސީއެލް އިން މިފަދަ ކަމެއް ސްކޫލަށް ތައާރަފް ކުރިކަމަށްޓަކައި ސަފޫރާ ވަނީ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމްއޭސީއެލް މެރިޓް އެވޯޑުގެ އިތުރުން އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑަށް ފައިސާގެ އިނާމު އެމްއޭސީއެލް އިން ދަނީ މިއަހަރުން ފެށިގެންދަނީ ދެމުންނެވެ. އަދި މިކަން ތިން އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި މިއަހަރުގެ ޖުލައި މަހުގައި އެމްއޭސީއެލް އާއި ސީއެޗްއެސްއީ އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.