މޮސްކޯ (2ފެބްރުއަރީ) - ރަޝިޔާގެ ކޯޓަކުން އެ ގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ޕެރޯލް އާއި ހިލާފްވުމުން ތިން އަހަރާއި ހަމަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ރަޝިޔާގެ މޮސްކޯގެ ސިމޮންވޮސްކީ ޑިސްޓްރިކްޓް ކޯޓުންކުރި ހުކުމްގައިވާގޮތުން 2014 ވަނަ އަހަރު ހިޔާނާތުގެ މައްސަލައެއްގައި ޕެރޯލް ގަވާއިދާ ހިލާފު ވެގެންނެވެ. މިއަމުރާއެކު ރަޝިޔާގައި އިތުރު މުޒާހަރާތަކެއް ކުރިއަށްގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ނަވާލްނީ މަރާލުމަށް ބަޔަކުވަނީ ނާވް އޭޖެންޓެއް ކަމަށްވާ ނޮވިޗެކް ބޭނުންކޮށްފަ އެވެ. ނަމަވެސް ނަވާލްނީ މި ހަމަލާއިން ސަލާމަތްވެފައިވެ އެވެ.
ޖަރުމަނުގައި ފަރުވާ ހޯދުމަށް ފަސް މަހެއްހާ ދުވަސް މަޑުކުރުމަށްފަހު ގައުމަށް އެނބުރި ވަޑައިގަތުމުން ނަވާލްނީ ހައްޔަރުކޮށްފައި ވަނީ ރަޝިޔާގެ ސްރެމެޓެޔެވޯ އެއާޕޯޓުންނެވެ.
ނަވާލްނީ ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލުމަށް މަސައްކަތްކޮށްފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންގެ އޯޑަރަށް އެގައުމުގެ ސިއްރު ސިފައިންނެވެ.
ކޯޓުގައި ބިއްލޫރި ކޮށްޓެއްގައި ހުރެ ވާހަކަ ދައްކަމުން ނަވާލްނީ ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޕުޓިން އޭނާ ދެކެ ބިރުގަންނާތީ ކަމަށެވެ. އަދި އޭނާ މަރާލުމަށް ރޭވި ރޭވުން ކާމިޔާބުނުވެ އޭނާ ސަލާމަތްވުމަކީ ޕުޓިންއަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.
ނަވާލްނީ ވިދާޅުވީ އޭނާ ހައްޔަރުކޮށް ޖަލަލުމަށް ކުރާ މަސައްކަތަކީ އޭނާގެ ސަޕޯޓަރުންނަށް ބިރުދެއްކުމަށް ކުރާ މަސައްކަތެއް ކަމަށާއި ޕުޓިންއަކަށް ހުރިހާ އެންމެން ޖަލަކަށް ނުލެވޭނެ ކަމަށެވެ.
ނަވާލްނީ ހައްޔަރުކުރުމާއެކު ރަޝިޔާގެ އެކި ހިސާބުތަކުގައި އޭނާގެ ގިނައަދަދެއްގެ ސަޕޯޓަރުންވަނީ މުޒާހަރާކުރަން ފަށައިފަ އެވެ. އަދި ފުލުހުންގެ އިލްތިމާސްތަކަށް ނުބަލައި މުޒާހަރާކުރުމަށް ނުކުތް އެތައް ހާސްމީހުންނާއި ފުލުހުންނާ ދެމެދު ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. މުޒާހަރާތަކުގައި ފުލުހުންވަނީ 4000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.
ނަވާލްނީ ހައްޔަރުކުރުމާއެކު ހުޅަނގުގެ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށް އޭނާ ވަގުތުން ދޫކުރުމަށް ގޮވާލާފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާނެކަމަށް އިންޒާރުދީފަ އެވެ. - އަލްޖަޒީރާ