ހަށިގަނޑުގެ ގުނަވަނެއްގައި ރިއްސާނަމަ ގިނަފަހަރަށް އަހަރުމެންނަށް ކެވެނީ ތަދު ކަނޑުވާ ބޭސް ނުވަތަ "ޕެއިން ކިލާ" އެކެވެ، ނަމަވެސް މިފަދަ ބޭހުން ބައެއް ފަހަރަށް ނުރަނގަޅު އަސަރުތައް ވެސް ކުރެ އެވެ. އެހެންކަމުން އާދައިގެ ތަދުތަކަށް ގުދުރަތީ ފަރުވާގެ ފައިދާ މާ ބޮޑެވެ.

ވަރަށް ގިނަ ފަތްޕިލާވެލީގެ ބާވަތްތަކާއި އެނޫންވެސް ވައްތަރުތަކަކީ ތަދާއި ދުޅަޔަށް ވެސް ފަރުވާ ތައްޔާރު ކޮށްލެވޭ ކަހަލަ އެއްޗިއްސެވެ. އެގޮތުން ތިރީގައި މިވަނީ އެކިއެކި ސިއްހީ މައްސަލަތަކަށް ބޭނުންކުރެވިދާނެ ވައްތަރުތަކެވެ.

ވިލޯބާކް

ވިލޯ ނަމަކަށް ފިޔާ ގަހެއްގެ ތޮށިގަނޑު ނުވަތަ ވިލޯބާކްގައި ސެލިސިން ކިޔާ މާއްދާއެއް އެކުލެވެ އެވެ. މިއީ އެސްޕްރިން ކެއުމުން ކުރާ ކަހަލަ އަސަރެއް ކުރާ އެއްޗެކެވެ. މިއީ ބޮލުގައި ރިއްސުމާއި އުނަގަނޑުގައި ރިއްސުން އަދި އޮސްޓިއޯއާތުރައިޓިސް އަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެކަމަކު މީގައި ވެސް ސައިފް އިފެކްޓްސް ހުރެ އެވެ. ބަނޑުގައި ރިއްސުން، ލޭ އައުން ކިޑްނީ މައްސަލަތައް ޖެހުން ފަދަ ކަންތައްތައް މި ބޭނުންކުރުމުން ދިމާވެދާނެ އެވެ. އަދި މި ބޭނުންކުރަން ވާނީ ހަމައެކަނި ބޮޑު މީހުންނެވެ.

ރީނދޫ

ރީނދުލުގައި ކާކިއުމިން އެކުލެވެ އެވެ. މިއީ އެންޓިއޮކްސިޑަންޓް އެކެވެ. މިއީ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތައް ހަލާކުކުރާ މޮލެކިއުލްސްއިން ހަށިގަނޑު ދިފާއު ކޮށްދޭ އެއްޗެކެވެ. އަދި ދުޅަވާ ތަންތަނަށް ވެސް ރީނދޫ ބޭނުންކުރުމުން ފަސޭހަ ވެއެވެ. އޮސްޓިއޯއާތުރައިޓީސް ހުންނަ މީހުން ތަދުކަނޑުވަން ރީނދޫ ބޭނުން ކުރެ އެވެ.

ކަރަންފޫ

ކަރަންފުލުގައި ޔޫގެނޯލް ހުރެ އެވެ. މިއީ ތަދުކަނޑުވާ ޕްރޮޕަޓީ އެކެވެ. ދަތުގައި ރިއްސާ ނަމަ ހިރުގަނޑުގައި ކަރަންފޫ ހޭކުމުން ވެސް ތަދު ކޮންމެވެސް ވަރަކަށް ދެ އެވެ. ނަމަވެސް ފަސޭހައިން ތަންތަނުން ލޭ އަންނަ މީހުން ކަރަންފޫ ކެއުމުން އިތުރަށް މައްސަލަ ގޯސްވެދާނެ އެވެ.