ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން " އަވާ އޮފް ކޯޑް @ ލެޓްސް ކޯޑް އެމްވީ 2023" ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ "އަވާ އޮފް ކޯޑް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް އެޑިއުކޭޝަން ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. އެގޮތުން އެޑިއުކެޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު މި ހަރަކާތް ރާއްޖޭގައި ކުރިއަށްދާނީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެންނެވެ.
"އަވާ އޮފް ކޯޑް 2023" ގެ އަޒުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1000 ދަރިވަރުންނާ ހަމައަށް ވާޗުއަލްކޮށް މި ހަރަކާތް ގެނައުމެވެ. މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން، ޕްރީ ސްކޫލުން ފެށިގެން ހުރިހާ ތަޢުލީމީ ލެވެލްގެ ދަރިވަރުނަށް ވެސް، ކުދިން ޝައުގުވެރިވާ އެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެ އެވެ. މި ހަރަކާތް ތަކުގެ މަގުސަދަކީ ސައިންސާއި ކޯޑިންއަށް ލޯބި ޖައްސައި، މި ދާއިރާއަށް ކުދިން އަހުލުވެރިކުރުމެވެ.
މި އަހަރުގެ 'ލެޓްސް ކޯޑް އެމްވީ @ އަވާ އޮފް ކޯޑް' ގެ މައިގަނޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވާ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
"އަވާ އޮފް ކޯޑް" ގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިންނަށް މިލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަމިއްލަ ގޮތުން، ސްކޫލްތައް، ޖަމިއްޔާތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށްވެސް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ. އަދި މި ޕްރޮގްރާމްގައި މެންޓަރސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.
މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގއާ ބެހޭ މަޢުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތަޢާރަފްކޮށްދޭ ޕްރޮގްރާމެކެވެ. ކޯޑް.އޯރގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ގައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭގައި ކޯޑް.އޯރގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ޕާޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސް އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ދަނީ ކާމިޔާބުކަމާއެކު މި ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދަމުންނެވެ.
"އަވާ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންއަށް ތައަރަފްކޮށް ކޮމްޕިއުޓަ ސައިންސަށް ޝައުގުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. ޅަ އުމުރުގައި ކޮމްޕިއުޓަ ސައިންސް ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެން ގޮސް، އެކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރު ވެސް އިތުރުވެގެންދާނެ ކަމެކެވެ.