ދިވެހި ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ އެކްޓަރުން ކަމަށްވާ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲގެ ކުރިއަށް އޮތް ފިލްމު "މީ އިޝްގް" އަންނަ އަހަރު ޖެނުއަރީގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.
ޒުވާން ޑައިރެކްރު އަޒްހާން އިބްރާހިމްގެ އަލަތު ފީޗާ "މީ އިޝްގް"ގެ ޓްރެއިލާ އިއްޔެ ރިލީޒްކޮށްފައިވާއިރު މިފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ ދެ އެކްޓަރުން ކަމަށްވާ އާމިނަތު ރަޝްފާ (އާޝާ) އާއިި ޝަރަފް އަބްދުﷲ އެވެ. މިއީ މިދެ ފަންނާނުން އެކުގައި ފެނިގެންދާ ދެ ވަނަ ފިލްމެވެ. ޝަރަފާއި އާޝާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ މާޗްގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.
އަޒްހާން މީގެ ކުރިން ވަނީ ދެ ވެބް ސީރީޒެއް ގެނެސްދިނެވެ. އެއީ "ދަރަކަ" އާއި "މިރާއީ" އެވެ.