އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އިލެކްޝަން ކޮމިޝަނަށް ލަފާ ދޭން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.
އަންނަ އަހަރު ބައްވާ މަޖިލިސް އިންތިހާބު ދިމާވަނީ ރޯދަ މަހަށެވެ. އިންތިހާބު ބޭއްވޭނީ ރޯދައިގެ ފަހު ދިހައެއްގަ އެވެ. އެހެންވެ އޭގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ހައްލެއް ހޯދައި ދިނުމަށް އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އިލެކްޝަން ކޮމިޝަނުން ކޮމެޓީއަށް ހުށަހަޅާފައި ވަނީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށް ފަހު ވޯޓުލުމާ ދޭތެރޭ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އަދި އިންތިހާބު އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބް ބޭއްވޭނީ އަންނަ މާޗު މަހުގެ 30 ގައި ކަމަށާއި އެއީ ރޯދަ މަސް ކަމަށެވެ. ފުއާދު ވިދާޅުވީ އިންތިހާބުގެ ކަންކަން ރޯދަ މަހަށް ދިމާވާތީ އީސީގެ މުވައްޒަފުން މަސައްކަތް ކުރުމަށް ދަތިތަކެއް ދިމާވާނެ ކަމަށާއި ކެންޑިޑޭޓުން ކެމްޕޭނުގެ ކުރުމަށް ވެސް އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އަދި، މިހާރު ދޭ އުޖޫރައިގައި މަސައްކަތް ކުރާނެ އޮފިޝަނުން ވެސް ނުލިބޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންގެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ ގާނޫނު ބުނާ މުއްދަތަށް ބަލާއިރު އިންތިހާބު ބޭއްވެން އޮތް އެންމެ ފަހުގެ ތާރީހެއްގައި ބޭއްވުމަށެވެ. އެއީ ރޯދައިގެ ފަހުންކަން އޭނާ ފަހަގަ ކުރެއްވި އެވެ.
ރޯދައިގެ ފަހުން މަޖިލިސް އިންތިހާބު ބައްވަން ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.