ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ނުގުޅުއްވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީންގެ އިސް ގާނުނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހަކަށް ރައީސް މުއިއްޒުގެ އެޑްވައިޒަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޔާމީން ޑރ. މުއިއްޒުއަށް ނުގުޅުއްވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޑރ މުއިއްޒުއަށް ޔާމިންގެ މެސެޖެއްވެސް އަދި ފޯނު ކޯލެއްވެސް ނުލިބޭ ކަމަށެވެ.
އަބްދުއްރަހީމްގެ އެވާހަކަތަކަށް ރައްދުދެއްވާ ޑރ. ޖަމީލް ވިދާޅުވީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 21:43 ގައި ރައީސް ޔާމީން ޑރ މުއިއްޒުއަށް "މުއިއްޒު ޕްލީޒް ކޯލް މީ" މިހެންޖައްސަވާ ފޮނުވި މެސެޖް ޑރ. މުއިއްޒު ބެއްލެވުމަށް ފަހު މިއަދާ ހަމައަށްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ. އަދިވެސް މިމެސެޖް އެބައޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަބްދުއްރަހީމް މިގޮތަށް ރައްޔިތުންނަށް އޮޅުވާލަންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ޖަމީލް ވިދާޅުވި އެވެ. ރައީސް ޔާމީން ގެއަށް ބަދަލުވި ފަހުން އެމަނިކުފާނާ ހަމައަށް އަބްދުއްރަހީމް ވަޑައިނުގަތީ ކީއްވެތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފަ އެވެ.
ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތް މައިގަނޑު ސަބަބަކީވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްއާ މެދު ހިޔާލު ތަފަތުވުން އުފެދި ލީޑާޝިޕްގެ ބޭފުޅުން ޔާމީންގެ މަޝްވަރާ ބޭނުންނުކުރާތީ އެވެ.
ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އެހެން ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.