އެމްޑީޕީގެ ވަގުތީ ރައީސްއަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސައިފި އެވެ.
ރައީސް ސޯލިހު އެ ޕާޓީގެ ރައީސް ކަމަށް ހަމަޖެއްސީ މިރޭ އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ރައީސް ޞޯލިހު އެމްޑީޕީގެ ރައީސް ކަމަށް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ.
ރައީސް ސޯލިހު މި ވަގުތު ރާއްޖޭގައި ނޫޅުއްވާތީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ރައީސް ސޯލިހު އެމްޑީޕީގެ ރައީސް ކަމަށް ހަމަޖެއްސީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިދިޔަ މާޗު މަހު އެ ޕާޓިން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ބައެއް ކަންކަން ކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމެޓީއެއް އެކުލަވާލުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ނިންމައިފަ އެވެ.