ކޮވިޑް ވެކްސިން ޖަހަން ފަށައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެކްސިން މިއަދު ޖައްސަވައިފި އެވެ.
މާލޭގައި ކޮވިޑް ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގަ އެވެ.
އިންޑިއާއިން ރާއްޖެއަށް ދިން ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ވެކްސިން ފުރަތަމަ ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ. އޭގެ ފަހުން ދެވަނައަށް ދިނީ އާރު އެން ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތެއް ކަމުގައިވާ އިބްރާހިމް ނަސީރު ވެސް ވެކްސިން ޖަހާފައިވެ ކަމަށެވެ.
ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ކޮވިޑް ވެކްސިން ޖެއްސެވި އެވެ. މީގެ އިތުރުން އެއަށްފަހު އުއްތަމަ ފަނޑިޔާރު އަހަމްދު މުއުތަސިމް އަދުނާން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ވެކްސިން ޖައްސަވާނެ އެވެ.
އެ ރަސްމިއްޔާތަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް ވެކްސިން ދިނުމުގެ ހަރަކާތް މެދުނުކެނޑި ކުރިޔަށްދާނެ ކަމަށެވެ. އަދި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހުރިހާ އެންމެނަށް ވެކްސިން ދެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ. އިރާދަކުރެއްވިއްޔާ މި ބަލިމަޑުކަމުން އަރައިގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ދިނުމުގެ ހަރަކާތް މިއަދު ފަށާއިރު މާލޭގެ އިތުރުން އައްޑު އާއި ކުޅުދުއްފުށީގައި ވެސް މި ހަރަކާތް ފެށިގެންދާނެ އެވެ.