މިއުފެދޭ އާ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނާ ބޭއިންސާފަށް ހަރުއަޑުން ނޫނެކޭ ބުނާ ސަރުކާރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިފެށޭ އާސަރުކަރަކީ ބޭއިންސާފާ ވައްކަމާ ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރެއް ކަމަށެވެ. އަދި އެކަންކަމަށް ފިޔަވަޅު އަޅާ ސަރުކާރަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ އެއްވެސް ކަމެއް އެއްވެސް ރައްޔިތަކަށް ފިރުވާ ސިއްރު ކޮށްފައި ނުބާއްވާނެ ކަމަށަ ސަރުކާރުގެ ހުރިހާ ކަމެއް ވެސް ހިންގާނީ ދެފުއްފެންނަ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށާ ސަރުކާރުވެގެންދާނީ ގައުމު ބިނާ ކުރާ ބަޔަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މި ފަށަނީ ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު ކަމަށާ މިއީ، ދިވެހިވަންތަ ގައުމީ ޝަޚްސިއްޔަތު، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ކަމުގައި ރައީސް ފަހަ ކުރެއްވި އެވެ.ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ގައުމީ ހައްގެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.